އަމިއްލަ ދަނޑުގައި އުރުގުއާއީ އަތުން އާޖެންޓީނާ ބަލިވެއްޖެ

ވޯލްޑްކަޕް ކޮލިފައިންގ ސައުތު އެމެރިކާ ސަރަހައްދުގައި ރޭ ފަތިހު އަމިއްލަ ދަނޑުގައި އުރުގުއާއީ އަތުން 2-0 ގެ ނަތީޖާއަކުން އާޖެންޓީނާ ބަލިވެއްޖެ އެވެ.

މިއީ މިދިޔަ އަހަރު ފަހުކޮޅު ގަތަރުގައި ބޭއްވުނު ފީފާ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި ސައުދީ އަރަބިއްޔާ އަތުން 2-1 ގެ ނަތީޖާއަކުން ބަލިވިފަހުން އާޖެންޓީނާ ބަލިވި ފުރަތަމަ މެޗެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

މިމެޗުގައި އުރުގުއާއީގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުޖޯ އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އުރުގުއާއީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި މެޗުގައި އުރުގުއާއީ އިން ކާމިޔާބުކުރި ދެވަނަ ލަނޑު ފަހުހާފުގެ 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލިވިޕޫލުގެ ފޯވާޑް ޑާވިން ނުނޭޒް އެވެ. މިއީ އެޓީމުގެ މިޑްފިލްޑަރު ނިކޮލަސް ޑެލަ ކްރޫސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އުރުގުއާއީ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ކޮލިފައިންގައި ކުޅުނު ފަސް މެޗުން 10 ޕޮއިންޓް ހަމަކޮށް އުރުގުއާއީ އިން ވަނީ ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި މިމެޗުން ބަލިވި އާޖެންޓީނާ އިން ކުޅުނު ފަސް މެޗުން ލިބުނު 12 ޕޮއިންޓާއެކު އަދިވެސް އޮތީ ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް