ލީގުގެ ކުޅުން މާދަމާ އަލުން ފަށާއިރު، ވެލެންސިއާ އެއް ނުފެންނާނެ

ގާތްގަނޑަކަށް ތިން މަހެއްހާ ދުވަހު ލީގުގެ ކުޅުން މެދުކަނޑާލާފައި އޮތުމަށް ފަހު މާދަމާ އަލުން ފަށާއިރު، ލީގުގައި ބަކީ ހުރި މެޗުތަކުގައި ބައިވެރިވެވެން ނެތްކަމަށް ކުލަބް ވެލެންސިއާ އިން އެފްއޭއެމަށް އަންގައިފި އެވެ.

ކުލަބް ވެލެންސިއާ އިން މިއަދު ނެރެފައި ވާ ބަޔާނެއްގައި ވާގޮތުން ގިނަ ސަބަބުތަކާއި ހުރެ ދިވެހި ޕްރެމިއާ ލީގުގައި ބާކީ ހުރި މެޗުތައް ފުރިހަމަ ނުކުރެވޭނެ ވާހަކަ އެކުލަބުން ވަނީ ފުޓްބޯޅަ އެސޯސިއޭޝަން އާއި ހިއްސާކޮށްފައެވެ. އަދި އެކުލަބުން މިފަދަ ނިންމުމެއް ނިންމަން ޖެހުނު އެންމެ ބޮޑު ސަބަބަކީ މާލީ ގޮތުން އެކުލަބަށް ގިނަ ދަތިތަކެއް ކުރިމަތިވެފައިވާތީ ކަމަށް އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އަވަސް އަވަހަށް ލީގު ތާވަލު ބަދަލުވެ، ފުޓްބޯޅަ ސީޒަން ދިގުދެމިގެން ގޮސްފައިވާތީ މާލީގޮތުން ފުއްދުންތެރިކަމެއް ނެތި އިތުރު މެޗުތަކެއް ކުޅެން ވެއްޖެނަމަ އެކަމުގެ ސަބަބުން މި ކުލަބަށް ލިބިދާނެ ގެއްލުންތަކުން ދުރާލައި ރައްކާތެރިވުމުގެ ގޮތުން އެކުލަބުން ނިންމި ނިންމުމެއް ކަމުގައި އެ ބަޔާނުގައި ވެއެވެ.

ވެލެންސިއާގައި ކުޅުންތެރިން މަދުވެފައި، އަދި ކުޅެން ތިބި ގިނަ ކުޅުންތެރިންނަކީ ސްކޫލް ކުދިންނަށް ވުމާ އެކު، ސްކޫލްގެ ޓެސްޓް ދުވަސްވަރާ ދިމާވުމުން މެޗު ކުޅެވެން ނެތް ކަމަށް އެ ކްލަބުން އަންގާފައިވާ ކަމަށް އެފްއޭޢެމްގެ ޖެނަރަލް ސެކްރެޓަރީ ހުސައިން ޖަވާޒު، އެ އެސޯސިއޭޝަންގެ މީޑީއާ ގުރޫޕަށް ފޮނުއްވި މެސެޖްގައި ލިޔެފައިވެއެވެ. އަދި ވެލެންސިއާ އިން ގަސްތުގައި މެޗު ދޫކޮށްލި ކަމަށް ބަލައި ކަމާ ގުޅުން ހުރި ކޮމިޓީ އަށް އެ މައްސަލަ ފޮނުވާނެ ކަމަށް ވެސް ޖަވާޒު މެސެޖުގައި ލިޔެފައިވެއެވެ.

ލީގުގައި ވެލެންސިޔާ އިން މިހާތަނަށް 9 މެޗު ކުޅެފައިވާއިރު އެޓީމަށް ލިބިފައިވަނީ 2 ޕޮއިންޓެވެ. އަދި އެޓީމު މިވަގުތު އޮތީ 8 ޓީމު ހިމެނޭ ލީގު ތާވަލުގެ ފުލުގައެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް