ޗެލްސީ އާއި ސިޓީގެ ކުރިމަތިލުން އެއްވަރު

އިގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޗެންޕިއަން މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް ޗެލްސީ އިން ކުޅުނު މެޗު 4-4 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެއްޖެ އެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ މެންޗެސްޓާ ސިޓީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ އެޓީމުގެ ނޯވޭ ފޯވާޑް އެރްލިންގް ހާލަންޑް އެވެ.

ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން ޗެލްސީ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރު ޓިއާގޯ ސިލްވާ އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި ޖޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޗެލްސީ އިން މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދި ލަނޑު ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިގިރޭސި ފޯވާޑް ރަހީމް ސްޓާލިން އެވެ. މިއީ އެޓީމުގެ ކެޕްޓަން ރީސް ޖޭމްސް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ސިޓީ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްވިޒަލޭންޑްގެ ޑިފެންޑަރު މެނުއަލް އަކަންޖީ އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފު ފެށިގެން ދެވަނަ މިނެޓުގައި ހާލަންޑް ވަނީ ލަނޑެއް ކާމިޔާބުކޮށް ސިޓީއަށް ދެވަނަ ފަހަރަށް މިމެޗުގައި ލީޑު ހޯދައިދީފައެވެ.

ނަމަވެސް އޭގެ 10 މިނެޓުފަހުން ޗެލްސީ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް އަނެއްކާވެސް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސެނަގާލްގެ ފޯވާޑް ނިކޮލަސް ޖެކްސަން އެވެ.

ސިޓީ އިން މިމެޗުގައި ތިންވަނަ ފަހަރަށް ލީޑު ހޯދި ލަނޑު ދެވަނަ ހާފުގެ 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސްޕެނިޝް މިޑްފީލްޑަރު ރޮޑްރީ އެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޗެލްސީއަށް ލިބުނު ޕެނަލްޓީއަކުން އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ ޒުވާން މިޑްފިލްޑަރު މޯލް ޕަލްމާ އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-4 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ލީގުގައި ކުޅުނު 12 މެޗުން މެންޗެސްޓާ ސިޓީ އަށް 28 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ އެއްވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ލީގުގައި ކުޅުނު 12 މެޗުން ޗެލްސީއަށް 16 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 10 ވަނައިގައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް