logoEN
Sto top
ބްރާގާ އަތުން މޮޅުވެ ރެއާލް މެޑްރިޑް ދެވަނަ ބުރަށް ކޮލިފައިވެއްޖެ

ބްރާގާ އަތުން މޮޅުވެ ރެއާލް މެޑްރިޑް ދެވަނަ ބުރަށް ކޮލިފައިވެއްޖެ

ހަސަން ޝަމްއޫން

logo

11/9/2023, 7:37:43 AM

IMG_20231109_073626

ޔުއެފާ ޗެމްޕިއަންސްލީގު ގްރޫޕް ސީގައި ރޭ އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ބްރާގާ އާއި ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެއާލް މެޑްރިޑުން މުބާރާތުގެ ދެވަނަ ބުރުން ޖާގައެއް ކަށަވަރުކޮށްފިއެވެ.

Wamco

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު ލީޑު ނެގުމަށް ބްރާގާ އަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިފައެވެ. ނަމަވެސް އެޓީމުގެ އަލްވާރޯ ޑަލޯ ފޮނުވާލި ޕެނަލްޓީ ރެއާލްގެ ކީއްޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ރެއާލް މެޑްރިޑުން މެޗުގެ ލީޑު ހޯދި ލަނޑު ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ބްރަހީމް ޑިއާޒް އެވެ. މިއީ އެޓީމުގެ ބްރެޒިލް ފޯވާޑް ރޮޑްރިގޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ރެއާލް މެޑްރިޑުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ވިނީޝިއަސް ޖޫނިއަރ އެވެ. އަދި އޭގެ ތިން މިނެޓު ފަހުން ވިނީޝިއަސް ޖޫނިއަރ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރެއާލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ރޮޑްރިގޯ އެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާއެކު ރެއާލް މެޑްރިޑުން ވަނީ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. އަދި މިމެޗުން ބަލިވި ބްރާގާ ކުޅުނު ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ގްރޫޕްގެ ތިންވަނައިގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside