
ފަހަތުން އަރައި ޔުނައިޓެޑް އަތުން މޮޅުވެ، ކޯޕަންހޭގަން ދެވަނައަށް
IMG_20231109_070553
ޔުއެފާ ޗެމްޕިއަންސްލީގު ގްރޫޕް އޭގައި ރޭ އަމިއްލަ ދަނޑުގައި، މެންޗެސްޓާ ޔުނައިޓެޑް ދެ ލަނޑު ކާމިޔާބުކޮށް ކުރި ހޯދާފައި ވަނިކޮށް ފަހަތުން އަރައި ހަތަރު ލަނޑު ކާމިޔާބުކޮށް 4-3 ގެ ނަތީޖާއަކުން މޮޅުވެ، ކޯޕަންހޭގަން އިން ގުރޫޕްގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ މެންޗެސްޓާ ޔުނައިޓެޑުން ނެވެ. މިލަނޑު މެޗު ފެށިގެން ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑެންމާކް ފޯވާޑް ރަސްމުސް ހޮއިލަންޑް އެވެ. މިއީ އެޓީމުގެ ސްކޮޓްލޭންޑް މިޑްފީލްޑަރު ސްކޮޓް މެކް ޓޮމިނޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ 25 މިނެޓް ފަހުން ހޮއިލަންޑް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅާކޮށްދީފައެވެ.
ޔުނައިޓެޑުން މެޗު ޑޮމިނޭޓުކުރަމުން އަންނަނިކޮށް އެޓީމަށް މެޗުގެ ކޮންޓްރޯލް ގެއްލުނީ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި އެޓީމުގެ އިގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް ކުރި ފައުލަކާއި ގުޅިގެން ރެފްރީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުތެރިއަކު މަދުކޮށެވެ.
ޔުނައިޓެޑުން އެއް ކުޅުންތެރިއެއް މަދުވުމުގެ ފައިދާ ނަގައި ފުރަތަމަ ހާފު ނިމުމުގެ ކުރިން ކޯޕަންހޭގަން އިން ވަނީ ދެ ލަނޑުގެ ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އެގޮތުން އެޓީމުގެ ފުރަތަަމަ ލަނޑު ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި މުހައްމަދު އެލްޔޫނުސީ ކާމިޔާބުކުރިއިރު އެޓީމުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ޕޯޗުގަލްގެ ފޯވާޑް ޑިއެގޯ ގޮންކަލްވޭސް އެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 69 ވަނަ މިނެޓުގައި ޔުނައިޓުން ވަނީ ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒް އެވެ.
ކޯޕަންހޭގަން އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑެންމާކް މިޑްފީލްޑަރު ލޫކަސް ލަރެގާ އެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދާފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްވިޑެންގެ ފޯވާޑް ރޫނީ ބާޑްގްޖީ އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-3 ގެ ނަތީޖާއަކުން ކޯޕަންހޭގަން ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ހަތަރު މެޗުން ހަތަރު ޕޮއިންޓް ހަމަކޮށް ކޯޕަންހޭގަން އިން ވަނީ ގުރޫޕްގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި މިމެޗުން ބަލިވި މެންޗެސްޓާ ޔުނައިޓެޑަށް ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ގްރޫޕްގެ ފުލުގައެވެ. މިގުރޫޕްގެ އެއްވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓް ހޯދާފައިވާ ބަޔާން މިއުނިކެވެ.