
ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާއަށް އަދުރޭ އިންކާރު ކުރައްވައިފި
Adhurey
އާންމު ތަނެއްގައި ހަޑިހުތުރު ބަސް ބޭނުން ކުރި މައްސަލައިގައި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާއަށް އޭނާ އިންކާރުކުރައްވައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވި ދުވަހު އެ ސަރަހައްދުގައި ކުރި މުޒާހަރާއެއްގައި، ޔާމީންގެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗަށް ނިސްބަތް ކުރައްވައި ހުތުރު ބަހެއް ބޭނުން ކުރެއްވިކަމުގެ ތުހުމަތުގައި އިދިކޮޮޅު ކޯލިޝަންގައި މިވަގުތު އެންމެ އިސްކޮށް ހުންނެވި އަބްދުއްރަހީމްގެ މައްޗަށް ދައުލަތުން ވަނީ އޭނަގެ މައްޗަށް އޮކްޓޯބަރު 26، 2020ގައި ދައުވާ ކޮށްފައި އެވެ. އެ މައްސަލައިގައި އަދުރޭގެ މައްޗަށް އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 615ގެ (ހ)ގެ ތިން ވަނަ ނަމްބަރާ ހަވާލާދީ އެ މާއްދާގެ (ނ) އާއި (ށ)ގެ ދަށުން ހަޑިހުތުރު އެއްޗެއް ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާ އެވެ.
މިއަދުގެ އަޑުއެހުމުގައި ދައުވާއަށް ޖަވާބުދާރީވުމުގެ ކުރިން އަބްދުއްރަހީމްގެ ވަކީލު އަދި ދަނބިދަރިފުޅު އަހުމަދު ހިޝާމް ވަޖީހު ވިދާޅުވީ، ގާނޫނޫލްއުގޫބާތު ޑްރާފްޓު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެއްވި އެމެރިކާގެ ޕްރޮފެސަރު ޕޯލް ރޮބިންސަން ލިޔުއްވި ގާނޫނުލްއުގޫބާތުގެ ކޮމެންޓްރީގައި، ހަޑިހުތުރުބަސް ބޭނުން ކުރުން ފަދަ މައްސަލަތަކަކީ އާންމު މަސްލަހަތާ ގުޅޭ މައްސަލަތަކެއް ކަމުން އެ މައްސަލަތަކުގައި ޝަކުވާ ހުށަހަޅާނީ އަމިއްލަ ފަރާތްތަކުން ކަމަށް ލިޔުއްވާފައިވާ ކަމަށެވެ. ނަމަވެސް، އަބްދުއްރަހީމްގެ މައްސަލަ ހުށަހެޅީ ޑީޖޭއޭއިންކަން އޭނާ ފާހަގަކުރި އެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ، ދިފާއުން ފާހަގަ ކުރާ ގޮތަށް މާނަ ކުރާ ނަމަ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ ބޭނުން ކެނޑިގެން ދާނެ ކަމަށެވެ.
ދެ ފަރާތުން ދެއްކެވި އެ ވާހަކަތަކަށް ރިއާޔަތް ކުރުމަށް ފަހު އަދުރޭގެ ގާނޫނީ ވަކީލްގެ ފަރާތުން ހުށަހެޅި ކަންކަން މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ބަލައެއް ނުގަންނަވައެވެ. އަދި މައްސަލަ ކުރިއަށް ގެންދަވަން ނިންމެވިއެވެ. އަދުރޭއަށް ދައުވާއަށް ޖަވާބުދާރީވާން ފުރުސަތު ދެއްވިއެވެ. އެ ފުރުސަތުގައި ދައުވާއަށް އިންކާރު ކުރެއްވުމަށް ފަހު، ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ބައެއް ކަންކަން ހުރި ކަން ފާހަގަކުރެއްވިއެވެ. އެ ކަން ކުރުމަށް އަންނަ އަންގާރަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން ކުރުމަށް ގާޒީ އެންގެވިއެވެ.
މި ދައުވާއާ ގުޅިގެން މީގެ ކުރިން ވެސް އަދުރޭ ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ސިޔާސީ ދައުވާއެއް ކަމަށެވެ.
ހަޑިހުތުރު އެއްޗެއް ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ކުށަކީ ގާނޫނުލްއުގޫބާތުގައިވާ ގޮތުން ޖުނަހުގެ ތިންވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އިއުތިރާފުވެއްޖެ ނަމަ އަންނާނީ 27 ދުވަހުގެ ޖަލު ހުކުމެކެވެ.