2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެޑޯބީއިން ވަނީ 20 ބިލިއަން ޑޮލަރަށް ފިގްމާ ގަންނަން އުޅޭ ކަމުގެ ޚަބަރު އާއްމުކޮށްފައެވެ. މިއީ ފިގްމާ ކުންފިނި އަދި އެ ކުންފުނީގެ އިންވެސްޓަރުންނަށް މުއްސަނދި ވުމަށް ލިބުނު ރަނުގެ ފުރުސަތެކެވެ. އޮޑޯބީ އަކީ ޑިޒައިން ކުރުމަށް ބޭނުންކުރާ އެޕްލިކޭޝަންތައް އުފެއްދުމުގައި މަޝްހޫރު ކުންފުންޗެކެވެ.
ފިގްމާއަކީ 'ޔޫއައި/ޔޫއެކްސް' ނުވަތަ ވެބްސައިޓް، މޯބައިލް އެޕްލިކޭޝަން އަދި ކޮމްޕިއުޓަރ އެޕްލިކޭޝަންތައް ޑިޒައިން ކުރުމަގައި ބޭނުންކުރެވޭ ސޮފްޓްވެއަރއެކެވެ. އެޑޯބީގެ އެޕްލިކޭޝަންތަކާއި ހިލާފަށް ފިގްމާގެ 'ޔޫއައި/ޔޫއެކްސް؛ ކޯލަބްރޭޓިވް ޑިޒައިނިންގް އިން ފަސޭހަކަމާއެކު އިތުރު މީހުންނަށް އެއް ޕްރޮޖެކްޓެއްގައި މަސައްކަތް ކުރެވުމަކީ މި އެޕްލިކޭޝަން ބޭނުންކުރަމުންދާ ގިނަ ފަރާތްތައް ފާހަގަ ކުރާ ކަމެކެވެ. ފިގްމާ އެކުއިޒިޝަންގެ ސަބަބުން އެޑޯބީއަށް ވެސް ހަރުދަނާ ފައިދާތަކެއް ލިބި އާމްދާނީ އިތުރުކުރުމުގެ ފުރުސަތު މަގުފަހިވެގެންދާނެއެވެ. ފިގްމާއަކީ 90 އިންސައްތަ ގްރޮސް ޕްރޮފިޓް މާޖިން އާއި 150 އިންސައްތަ ނެޓް ޑޮލަރު ރިޓެންޝަން ރޭޓެއް އޮތް ކުންފުންޏެކެވެ. މި އަދަދުތަކަކީ އިންޑަސްޓްރީގެ އެހެން ވާދަވެރިންގެ ތެރޭގައި އެޑޯބީ އިން ފިގްމާ ހޯދަން ބޭނުންވާ މައިގަނޑު އެއް ސަބަބެވެ.
ފިގްމާ ގަތުމަށް މި އެއްބަސްވުމާ ގުޅޭ ގޮތުން އެޑޯބީއިން ބޮޑު ޝައުގުވެރިކަމެއް ފާޅުކުރި ނަމަވެސް، ޔޫރަޕިއަން ޔޫނިއަންގެ ކަންބޮޑުވުންތަކާއި ގުޅިގެން ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. ޔޫރަޕިއަން ޔޫނިއަން އިން ބުނާ ގޮތުގައި އިންޓަރެކްޓިވް ޕްރޮޑަކްޓް ޑިޒައިން ސޮފްޓްވެއާ ސަޕްލައި ކުރުމަށާއި ޑިޖިޓަލް އެސެޓް ކްރިއޭޝަން ޓޫލްސް އަށް ދުނިޔޭގެ ބާޒާރުގައި ވާދަވެރިކަން ކުޑަވެގެންދާނެއެވެ. އެހެންކަމުން ފިގްމާގަތުމަށް އޮޑޯބީއިން ކުރާ މަސައްކަތައް އަހަރެއް ވީ އިރުވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.
ޔޫރަޕިއަން ޔޫނިއަންގެ އެންޓިޓްރަސްޓް ރެގިއުލޭޓަރުން އެޑޯބީގެ ގެ މައްސަލަ ބަލަން ފަށައިފައިވެއެވެ. އަދި އެ ފަރާތްތަކުގެ ނިންމުމަށް ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ މުއްދަތެއް ކަނޑައެޅިފައިވާކަމަށް ޔޫރަޕިއަން ކޮމިޝަނުގެ ފައިލިންގްގައި ބުނެފައިވެއެވެ. ހަމައެއާއެކުމމިދިޔަ ފެބްރުއަރީ މަހު އެ ކޮމިޝަނުން ބުނެފައި ވަނީ އެ އެކިއުޒިޝަން އެސެސް ކުރުމަށް މަދުވެގެން 16 މެމްބަރު ގައުމަކުން އެދިފައިވާކަމަށެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތުގައި ވެސް މި މައްސަލަ ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އެޑޯބީ އާއި ފިގްމާ އިން އެންޓިޓްރަސްޓް ގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދަދެވިފައިނުވުމާއެކު އެމެރިކާއިން ޖުލައި މަހުގެ 13 ވަނަ ދުވަހު އެ މައްސަލައިގެ ތަހުގީގުގެ މުއްދަތު އިތުރު ކުރުމަށް ނިންމާފައިވެއެވެެ. އިނގިރޭސިވިލާތުގެ ތަހުގީގަށް ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހާ ހަމައަށް ގާނޫނީ ގޮތުން ދިގު މުއްދަތެއް ދީފައި ވީ ނަމަވެސް، ތަހުގީގުގެ ނަތީޖާއެއް ލިބޭނެ ދުވަހެއް ނޭނގެއެވެ. ޔޫރަޕިއަން ޔޫނިއަން އިން މި ދެ ކުންފުނިތަކުގެ ފަރާތުން އެދުނު މައުލޫމާތަށް އިންތިޒާރު ކުރަމުން ދަނިކޮށް އީޔޫއިން ވަނީ މިދިޔަ މަހު ގަޑި ހުއްޓުވައިފައެވެ.
2023 ވަނަ އަހަރު ފިގްމާ އެއްބަސްވުން ނިމުމަކަށް ގެންނާނެ ކަމަށް އެޑޯބީ އިން އުއްމީދު ކުރި ނަމަވެސް އީޔޫއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން އެޑޯބީއަށް ގޮންޖެހުންތައް ވަނީ ބޮޑުވެފައެވެ.