ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ފަސް ފިޑިޔާރުންގެ ބެންޗަކުން ބެއްލެވި މި މައްސަލަ ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ ޔައުގޫބު މެންބަރު ކަމުގައި ހުންނަވައިގެން ގަބޫލު ކުރެއްވި ވަޒީފާއަކީ މަޖިލީހުގެ މެންބަރުގައި ހުންނަވައިގެން އަދާ ނުކުރެއްވޭނެ ވަޒީފާއެއް ނޫން ކަމަށެވެ. ރިޔާސަތުގައި ހުސްނުއްސުއޫދު އިންނަވާ ގޮތަށް އައިޝާ ޝުޖޫން އާއި ޑރ. މުހައްމަދު އިބްރާހިމާއި އަލީ ރަޝީދާއި މަހާޒް އަލީ ޒާހިރެވެ. ފަސް ފަނޑިޔާރުވެން ވެސް މި ނިންމެވުމަށް އިއްތިފާގުވެ ވަޑައިގަތެވެ.
ޔައުބޫގުގެ ގޮނޑިއާ މެދު ސުވާލު އުފެއްދީ، ރައްޔިތުން މަޖިލީހުގެ މެންބަރަކަށް ހުރެ ޗާޓާޑް އެކައުންޓެންޓްސް ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސްގެ ކައުންސިލުގެ މެމްބަރުކަމާ އޭނާ ހަވާލުވެވަޑައިގަތުމުންނެވެ. އެ މަގާމާ ހަވާލުވެވަޑައިގަތުމުން އަމާޒުވި ފާޑުކިޔުމާއެކު ޔައުގޫބު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ސުޕްރީމް ކޯޓަށް މިމައްސަލަ ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް އަލީ އާއި ޕީޕީއެމް، ޕީއެންސީގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އައްސަދު ޝަރީފެވެ. އެ ދެ ބޭފުޅުން ވިދާޅުވާ ގޮތުގައި ދައުލަތުގެ މުއައްސަސާއެއްގެ އެހެން މުސްތަގިއްލު މަގާމެއް އަދާ ނުކުރެއްވުމަކީ މަޖިލިސް މެމްބަރެއްގެ ހުންނަން ޖެހޭ ޝަރުތެކެވެ. ޗާޓާޑް އެކައުންޓެންޓްސް އިންސްޓިއުޓުގެ ކައުންސިލު މެމްބަރު ކަމާ ހަވާލުވެވަޑައިތުމުން އެ ޝަރުތު އުނިވެފައިވާ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.