ލިންކް ރޯޑްގެ ސޯލަރ ހަކަތައިގެ ނިޒާމުން މިމަހު ކަރަންޓް އުފައްދަން ފަށަނީ
އައިޝަތު އިފާޝާ
10/18/2023, 3:15:00 PM
Solar Pannels
މާލެ - ހުޅުމާލެ ލިންކް ރޯޑްގައި ގާއިމުކޮށްފައިވާ ސޯލަރ ހަކަތައިގެ ނިޒާމް ސްޓްލެކޯގެ ގްރިޑާއި ގުޅައި، މިމަހު ފަހުކޮޅު އެޕެނަލްތަކުން ކަރަންޓު އުފައްދަން ފައްޓަވާނޭކަމަށް މިނިސްޓްރީ އޮފް އެންވަޔަރުމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ވިދާޅުވެއްޖެއެވެ.
ލިންކް ރޯޑްގައި ގާއިމުކުރަމުންދާ ސޯލަރ ހަކަތައިގެ ނިޒާމުގެ މަސައްކަތުގެ ތެރެއިން ހަރުކުރަންޖެހޭ މޮޑިއުލްތަކުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. ބްރިޖް ހައިވޭއާއި ހުޅުމާލޭގައި ކުރިއަށްދާ ސޯލާ ޕީވީ މޮޑިއުލްސް ހަރުކުރުމުގެ މަސައްކަތަކީ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ވޯލްޑް ބޭންކްގެ އެހީގައި އެކްސެލެރޭޓިން ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓްއިން ރިނިއުވަލް އެނާޖީ (އެސްޕަޔަ) ޕްރޮޖެކްޓްގެ ދަށުން ސަރުކާރުން ކުރިއަށްގެންދާ މަސައްކަތެކެވެ.
ހައިވޭ އަދި ހުޅުމާލޭ ގައި މިވަގުތު ކުރިއަށްދާ ޙަކަތައިގެ މަޝްރޫޢުއާއެކު ކަރަންޓް އުފެއްދުމަށް ދައުލަތުން ހޭދަކުރާ ފައިސާގެ ތެރެއިން އެތައް ސަތޭކަ މިލިއަނެއްހާ ރުފިޔާ ސަލާމަތްކުރެވޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.
މި މަޝްރޫޢުއިން އުފައްދާ ކަރަންޓް ގުޅާނީ ސްޓެލްކޯގެ މެއިން ގްރިޑާއެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމި ސްޓެލްކޯގެ ގްރިޑަށް ގުޅުމުން ސްޓެލްކޯއިން ޑީސެލް ބޭނުންކޮށްގެން އުފައްދާ ހަކަތައިގެ މިންވަރު ދަށްވެ ތެލަށް ކުރާ ހޭދަކުޑަކުރެވޭނެކަމަށް ސަރުކާރުން ދެކެއެވެ.
ވޯލްޑް ބޭންކްގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ހިންގާ އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ލިންކް ރޯޑްގައި ގާއިމުކުރާ ސޯލަރ ޕީވީ ނިޒާމު ސްޓަރަކްޗަރގައި މިހާރުވަނީ ސޯލަރ ޕީވީ މޮޑިއުލްސްތައް ހަރުކޮށް ނިމިފައެވެ.
މިހާރު ކުރިއަށްދަނީ ސްޓެލްކޯގެ ގްރިޑަށް ކަނެކްޓްކުރުމަށްޓަކައި ކުރަންޖެހޭ އިލެކްޓްރިކަލް މަސައްކަތްތަކެވެ. ގްރިޑާއި ގުޅުމުގެ މަސައްކަތްވެސް މިމަހުގެ ފަހުކޮޅަށް ނިންމާލެވޭނެކަމަށާ، އުންމީދަކީ މިމަހުގެ ފަހުކޮޅު އަދި އަންނަމަހު ކުރީކޮޅު ކަރަންޓް އުފައްދަން ފެށުންކަމަށް އެންވަޔަރުމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.
މި މަޝްރޫޢުގެ ދަށުން އުފައްދާ ކަރަންޓް ޕަވަރ ޕާރޗޭސިންގ އެގްރީމެންޓް (ޕީޕީއޭ) މޮޑެލްގެ ދަށުން ކަރަންޓްގެ ޙިދުމަތް ދޭ ކުންފުންޏަށް ވިއްކުމަށް ހަމަޖެހިފައިވަނީ ކަރަންޓު ޔުނިޓަކަށް 10.09 ޔޫއެސް ސެންޓެވެ. އެއީ ދިވެހި ފައިސާއިން ކަރަންޓް ޔުނިޓަކަށް 1 ރުފިޔާ 68 ލާރިއެވެ. އެސްޕަޔަރ ގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި 1000 ހައުސިންގް ޔުނިޓްތަކުގައި ޤާއިމްކޮށްފައިވާ 1.5 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކަމުން ދަނީ 21 ޔޫއެސް ސެންޓަށެވެ. އެހެންކަމުން 5 މެގަވޮޓް ސޯލާ ޕީވީން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ގަންނަން ލިބެނީ މީގެ ކުރީން ސޯލަރ ހަކަތައިން އުފައްދާ ކަރަންޓް ޔުނިޓަކަށް ޖެހޭ އަދަދުގެ ދެބައިކުޅަ އެއްބައި އަގުހެޔޮ ރޭޓެއްގައެވެ.
މި މަޝްރޫޢުގެ ސަބަބުން ދައުލަތަށް އަދި ވަކިން ޚާއްސަކޮށް ސްޓެލްކޯއަށް ބޮޑު ފައިދާއެއްކުރާނެއެވެ. އެއީ ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެޔޮ އިމްޕޯޓްކުރުމަށް ކުރުމަށް ކުރާ ޚަރަދާއި އަދި ކަރަންޓްގެ ސަބްސިޑީއަށް ކުރާ ހޭދަ ކުޑަވެގެންދާނެއެވެ. އެގޮތުން މި ނިޒާމުގެ ތެރެއިން އުފައްދާ 9.1 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް އަހަރަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާ ކުޑަކުރެވޭނެކަމަށް ސަރުކާރުން އަންދާޒާ ކުރެވެއެވެ.
މި މަޝްރޫއުގެ ދަށުން ތައިލޭންޑްގެ އެންސިސް ކޯ ލިމިޓެޑް އިން މި ނިޒާމުން ކަރަންޓް އުފައްދާނީ 15 އަހަރު ދުވަހުގެ މުއްދަތަށެވެ.