އަލީ ވަހީދު ފުރުއްވީ ތުރުކީއަށް!

ކުރީގެ ޓޫރިޒަމް މިިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް މިދިޔަ މަހު 9 ގައި ކްރިމިނަލް ކޯޓުން އަމުރު ކުރުމުން އޭނާ ފުރުއްވީ އެރޭ 11:07 ގައި ތުރުކީއަށް ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް , ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް އަންގަވައިފި އެވެ.

މި މައުލޫމާތު އިމިގްރޭޝަނުން އޮޅުން ފިލުވުމަށް ފަހު ޖުޑިޝަރީ ކޮމިޓީއަށް ޕީޖީން ފޮނުވި ސިޓީ މިއަދު ވަނީ އެ ކޮމިޓިގައި އާންމުކޮށްފަ އެވެ. އެ ސިޓީގައިވާ ގޮތުން ނަމަ އަލީ ވަހީދު ފުރުއްވީ ފެބްރުއަރީ 9، 2021ގެ ރޭގަނޑު 11:09 ގައި ޓާކިޝް އެއާލައިންސްގެ ޓީކޭ 731 ފްލައިޓުން ތުރުކީގެ އިސްތަންބޫލް އަށެވެ.

އަލީ ވަހީދުގެ މައްސަލާގައި ޖުޑިޝަރީ ކޮމިޓީން ގޮތެއް ނިންމަން އޮތީ މިއަދެވެ. އެހެން ނަމަވެސް ޕީޖީގެ މި ސިޓީއާއި އެކު ކޮމެޓީގެ މެންބަރުން އިތުރު ސުވާލުތަކެއް މިވަނީ އުފައްދަވާފައިއެވެ. އެގޮތުން ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވީ ކްރިމިނަލް ކޯޓުގެ އަމުރުގެ ލިޔުން ނުކުތުމުގެ ކުރިން އަލީ ވަހީދު ފުރުއްވުމަށް އިމިގްރޭޝަނުން ހުއްދަ ލިބުނު ގޮތް ސާފުކުރަން ޖެހޭ ކަމަށެވެ. އިމިގްރޭޝަނުން އެ ހުއްދަ ދިނީ ކޮން ލިޔުމެއް ނުވަތަ ކާކު އަންގައިގެން ކަން ބަލަން ޖެހޭކަމަށްވެސް ނިހާދު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް ރޭޕްކުރަން އުޅުމާއި ޖިންސީ ގޯނާގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ފަށާފައި ވަނިކޮށް، އޭނާގެ ޕާސްޕޯޓު ދޫކުރަން ކްރިމިނަލް ކޯޓުގައި އަޑުއެހުން ބާއްވައި އަމުރު އިއުލާން ކުރީ މިދިޔަ މަހު 9 ގައެވެ. ނަމަވެސް ނެރުނު އަމުރުގައި އިދާރީ މައްސަލައަކާ ގުޅިގެން ޖެހިފައި އޮތީ ފެބްރުއަރީ 10 އެވެ. އަދި އެކަމާ ގުޅޭ ލިޔުންތައް ލިބުނު ކަމަށް ޕީޖީން ބުނަނީ 11 ވަނަ ދުވަހު އެވެ. އޭރު ވެސް އަލީ ވަހީދު ފުރައިވަޑައިިގެންނެވި ސީދާ ތާރީހެއް އޮތީ ސާފު ނުވެ އެވެ.

އެކަމާ ގުޅިގެން ޖުޑިޝަރީ ކޮމިޓީގެ މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހު ނިންމެވީ އަލީ ވަހީދުގެ މައްސަލާގައި ސީދާ އިމިގްރޭޝަނާ ސުވާލުކުރުމަށެވެ

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވަނީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާ އެވެ. އަލީ ވަހީދުގެ ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ބުނާ މުވައްޒަފުންގެ އަދަދު 13 އަށް ވުރެ ގިނަ އެވެ. މި މުވައްޒިފުން ވަނީ މިމައްސަލަ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްއާއި ހިސާބަށް ގެންގޮސްފައިއެވެ. އަދި މިއާއި އެކު އޭނާ ވަނީ އޭނާ ފުރުއްވަމުން ދިޔަ ޓުއަރިޒަމް މިނިސްޓަރުގެ މަޤާމުން ވަކިކުރްވާފައި އެވެ.

އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް އޭނާ ގެންދަވަނީ ދޮގުކުރައްވަމުންނެވެ.

ޖާމިނުވާނެ ފަރާތެއް ހުށަހެޅުމުން އަލީ ވަހީދުގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން ދޫކޮށްލީ، ޕާސްޕޯޓްގެ ބަދަލުގައި ބޭހަށް ބޭރަށް ދިއުމުގެ ވަގުތީ ލިއުމެއްގެ ދަށުން ފުރުއްވުމުގެ ހުއްދަ ދޭން ފެންނަ ކަމަށް ޕީޖީން ކޯޓުގައި އެދިފައި އޮއްވަ އެވެ. އޭނާ ބޭރަށް ވަޑައިގަންނަވާ ސަބަބެއް ކަމަށް އެދިވަޑައިގެންފައި އޮތީ މައިބަދައިގެ އޮޕަރޭޝަނަކަށެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް