
އިންޑިއާގައި ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ނޫސްވެރިން ހައްޔަރުކުރަނީ
77
އިންޑިއާގެ މީޑިއާތަކާ ދެކޮޅަށް ހިންގި އޮޕަރޭޝަންގައި އެންމެ ފަހުން ބަލައި ފާސްކުރި 'ނިއުސްކްލިކް' ވެބްސައިޓްގައި މަސައްކަތް ކުރާ ނޫސްވެރިންގެ އަތުން ލެޕްޓޮޕާއި ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ދިއްލީ ފުލުހުންގެ ސްޕެޝަލް ޔުނިޓަކުން ވަނީ ނިއުސް ވެބްސައިޓެއް ކަމަށްވާ Newsclick.in އާ ގުޅުން ހުރި ނޫސްވެރިންގެ ލެޕްޓޮޕާއި ފޯނުތައް ހިފަހައްޓައިފައެވެ. އަދި އާންމުކޮށް ޓެރަރިޒަމްގެ ތުހުމަތުކުރެވޭ މީހުންނާ މެދު އަމަލު ކުރަން ބޭނުންކުރާ ގާނޫނެއްގެ ދަށުން އެ ނިއުސް އެޖެންސީގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އެތަނުގައި މަސައްކަތްކުރާ ދެ ނޫސްވެރިއަކު ވަނީ އެ ގާނޫނުގެ ދަށުން ހައްޔަރުކޮށްފައެވެ.
ނޫސްވެރިން ކަމަށްވާ 'އަބީސާރު ޝަރުމާ'، 'އާރިތުރީ ދާސް' އަދި 'ބަޝާ ސިންގް' ވަނީ ޓުވިޓާ (އެކްސް) މެދުވެރިކޮށް، ފުލުހުން އެ ނިއުސް އައުޓްލެޓް ބަލައި ފާސްކޮށް ފުލުހުން އެ މީހުންގެ ލެޕްޓޮޕާއި ފޯނުތައް އަތުލާފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
ޗައިނާގެ ޕްރޮޕެގެންޑާ ފެތުރުމާއި އެމެރިކާގެ ޓެކް މޮގުލް 'ނެވިލް ރޯއީ ސިންގަމް' ފަންޑު ކުރަމުން އަންނަ ކަމަށް ނިއު ޔޯކް ޓައިމްސްގެ ލިޔުމަކުން ތުހުމަތު ކުރުމުން ނިއުސްކްލިކްގެ މައްސަލަ މިއަހަރުގެ އޮގަސްޓް މަހުން ފެށިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ. މިކަމާއި ގުޅިގެން މި ނިއުސް އެޖެންސީން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ
މިއީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އެންޓި އެސްޓަބްލިޝްމަންޓް ނޫސްވެރިންނަށާއި ޚަބަރު ފަތުރާ ތަންތަނަށް އަމާޒުކޮށް އެކަންތަށް ހުއްޓުވުމަށް މަސައްކަތް ކޮށްފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. މި އަހަރުގެ ފެބްރުއަރީ މަހު އިންކަމް ޓެކްސް އޮފިޝަލުން ވަނީ އިންޑިއާގައި ހުންނަ ބީބީސީގެ އޮފީސްތައް ބަލައި ފާސްކޮށްފައެވެ. މިކަން ހިނގައިފައިވަނީ ނަރެންދުރަ މޯދީ އާއި ހިންދޫ ގައުމިއްޔަތުގެ ކުރިއެރުމަށް ފާޑުކިޔާ ޑޮކިއުމެންޓްރީއެއް ނެރުނުތާ ހަފުތާތަކެއް ފަހުންނެވެ.