އިންތިހާބީ ރައީސްގެ ގޮތުގައި މުއިއްޒުގެ ފުރަތަމަ ފެނިލުން- ސަރުކާރަށް ގޮވާލެއްވީ ރައީސް ޔާމީން ގެޔަށް ބަދަލުކޮށްދޭން!

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެއަށް ބަދަލު ކޮށްދެއްވަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެެ.

އިންތިހާބަށްފަހު ޑރ މުއިއްޒު ވަނީ ދާދި ދެންމެ އަކު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެގޮތުން ޑރ މުއިއްޒު ވަނީ ޕްރެގްރެސިވް ކޯލިޝަންގެ ލީޑަރު ކުރީގެ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. ޑރ މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލުކުރެެއްވުމަކީ ރައީސްއަށް ލިބިވަޑައިގަންނަވާ ބާރުގެ ތެރެއިން ކުރެވޭ ކަމެއް ކަމަށާއި އެދިލައްވަނީ ވީ އެންމެ އަވަހަކަށް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުން ކަމަށެވެ.

އަދި ރައީސް ޔާމީން މިނިވަން ކުރުމަކީ ގައުމަށް އެންމެ މަސްލަހަތު ރަނގަޅު ގޮތްކަމަށް ވެސް ޑރ މުއިއްޒު ވިދާޅުވިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ މުއިއްޒު ވަނީ މިއަދު ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވޯޓު ދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މިއަދު ކުރިޔަށް ދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ޑރ މުއިއްޒު ކާމިޔާބުކުރެެއްވީ 53 އިންސައްތަ ވޯޓުންނެވެ. މި އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިލެއްވީ 46 އިންސައްތަ ވޯޓެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް