
144472_3_f036704299a3845adb6e9785b7b1556c0be81807_medium
އަންނަ އޭޕްރިލް މަހު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ކައުންސިލްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި 135 ރިސޯޓެއްގައި ވޯޓްފޮށި ބަހައްޓަން މިހާތަނަށް އެދިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވި ގޮތުގައި އިންތިހާބުގައި 135 ރިސޯޓެއްގައި ވޯޓް ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަންގައި އެދިފައިވާ ކަމަށާ އެ ރިސޯޓްތަކުގައި ވޯޓް ފޮށި ބަހައްޓަން ނިންމާފައިވާ ކަމަށެވެ. ޝަރީފް ވިދާޅުވިގޮތުގައި ކޮންމެ ރިސޯޓެއްގައިވެސް އެއް ވޯޓް ފޮށި ބަހައްޓާން ނިންމާފައިވާ ކަމަށާއި އެ އަދަދު އަދި އިތުރު ވެދާނެ ކަމަށެވެ.
ރިސޯޓްތަކުގައި ވޯޓްފޮށި ބަހައްޓަނީ އެކަމަށް އެދި އިލެކްޝަންސް ކޮމިޝަންގައި އެދޭ ރިސޯޓްތަކުގައެވެ. ހުއްދަ ނެތް ރިސޯޓްތަކުގައި މީގެ ކުރިންވެސް ވޯޓް ފޮށި ނުބަހައްޓައެވެ.
އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކައުންސިލް އިންތިހާބުގެ ތައްޔާރީތައް އީސީއިން ވަނީ ފަށާފައެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ބާއްވަން ޖެހޭ މި އިންތިހާބަށް ގިނަ ތައްޔާރީތަކެއް ވާންޖެހޭއިރު މިއީ ހަރަދު ބޮޑު އަދި ތަކުލީފު ބޮޑު އިންތިހާބަކަށްވާނެ ކަމަށް އީސީއިން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ކައުންސިލްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުން ލިސްޓް އާންމުކޮށް، ޝަކުވާ ހުށައަޅަން ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.