އާޖެންޓީނާ ގައުމީ ޓީމުގެ ތަރި އަދި ބާސެލޯނާގެ ކުރީގެ މަޝްހޫރު ޑިފެންޑަރު ހަވިޔާ މަޝެރާނޯ ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާނު ކޮށްފިއެވެ.
އުމުރުން 36 އަހަރުގެ މަޝެރާނޯ ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާން ކުރީ އާޖެންޓީނާގެެ 1ވަނަ ޑިވެޝަންގައި އޭނާ ކުޅެމުން އަންނަ ޓީމް ބަލިވުމަށްފަށްފަހު ބޭއްވި ވާޗުއަލް ނޫސް ބްރީފިން އެއްގައެވެ. އޭނާ މިކަން އިއުލާން ކުރަމުން ބުނެފައިވަނީ އޭނާގެެ ކެރިއަރު ނިންމާލަން އޭނާ މިހާރު ކުޅެމުން އަންނަ ޓީމް އެެސްޓޫޑިއަންޓޭޒް އަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އޭނާގެ މި ނިންމުމަކީ މެެޗުން ބަލިވުމުން ނިންމި ނިންމުމެއް ނޫންކަމަށާއި މިއީ އޭނާ ވަރަށް ވިސްނުމަށް ފަހު ނިންމި ނިންމުމެއްކަން ފާހަގަކޮށްފައި ވެއެވެ.
މަޝެރާނޯގެ ކެރިއަރުގައި އޭނާ ވަނީ އާޖެންޓީނާއަށް 145 މެޗު ކުޅެދީފައެވެ. މަޝެރާނޯއަކީ 2004 ވަނަ އަހަރާއި 2008 ވަނަ އަހަރުގެ އޮލިމްޕް ގޭމްސް އާޖެންޓީނާއިން ކާމިޔާބުކުރިއިރު އެޓީމުގައި ހިމެނުނު މުހިންމު ކުޅުންތެރިޔެކެވެ. އެހެން ނަމަވެސް އޭގެފަހުން 2014 ވަނަ އަހަރުގެ ވާރލްޑް ކަޕާއި ހަތަރު ކޮޕާ އެމެރިކާގެ ފައިނަލަކުން އޭނާ ވަނީ އާޖެންޓީނާއާއެކު ބަލިވެފައެވެ.
މަޝެރާނޯ އެންމެ ބޮޑަށް މަޝްހޫރު ވެގެން ގޮސްފައިވަނީ އޭޭނާ ބާސެލޯނާގައި ދެއްކި މޮޅު ހުނަރަށެވެ. މަޝެރާނޯ ބާސާ ދޫކޮއްލީ 2018 ވަނަ އަހަރުގައެވެ. އެއީ އޭނާ ބާސާއާއި ގުޅުނުތާ 7 އަހަރުދުވަސް ފަހުންނެވެ.މަޝެރާނޯ ބާސާ ދޫކުރުމަށްފަހު ގުޅުނީ ޗައިނާ ސުޕަ ލީގްގެ ޓީމަކާއި އެވެ. ބާސާއަށް ބަދަލުވި ފަހުން މަޝެރާނޯ ވަނީ އެ ޓީމަށް 202 މެޗު ކުޅެދީފައެވެ. އޭނާވަނީ ބާސާގައި އޭނާ ހޭދަކުރި 7 އަހަރުގައި 17 ތަށި އެ ޓީމާއެކު ކާމިޔާބު ކޮށްފައެވެ.
މަޝެރާނޯ ދެން އެންމެ ފެނުން ގާތީ ކޯޗެއްގެ ހައިސިއްޔަތުންނެވެ. އެގޮތުން އަންނަ އަހަރު އޭނާ އާޖެންޓީނާގެ ޒުވާން ޓީމާއި ހަވާލުވާނެކަމަށް ބޭރުގެ މީޑިޔާތަކުން ރިޕޯޓްކުރެއެވެ.