
މެދު އިނގިލީގެ ބަދަލުގައި ފާހަގަ ޖަހާނީ ކަށި އިނގިލީގައި
Election
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލާމީހުންގެ މެދު އިނގިލީގައި ފާހަގަ ޖަހަން ނިންމާފައި ވަނިކޮށް އަނެއްކާ އެކަން ބަދަލުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ރިޔާސީ އިންތިޚާބު 2023 ގެ ދެވަނަ ބުރުގައި ވޯޓުލާ މީހުންގެ ވައަތުގެ ކަށި އިނގިލީގައި ފާހަަގަ ޖަހާގޮތަށް ކޮމިޝަނުން މިއަދު ނިންމަވައިފި ކަމަށެވެ.
މީގެ ކުރިން މެދު އިނގިލީގައި ފާހަގަ ޖަހަން ނިންމުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެކަމަށް ފާޑު ކިޔާފައެވެ.
ސެޕްޓެމްބަރު މަހު 9ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބުގެ ފުރަތަމަބުރުގައި ފާހަގަޖަހާފައިވަނީ ވައަތު ޝަހާދަތް އިނގިލީގައެވެ.
ނިޔަފަތި މަތިން ނިޔަރޮދި ހިމެނޭހެން ޖަހާ މި ފާހަގަ ޖަހަނީ އެކަމަށް ހާއްސަކޮށްފައިވާ މާކަރަކުންނެވެ. ކައިރިކައިރީގައި އިންތިހާބުތައް ބާއްވާނަމަށް އިލެކްޝަންސް ކޮމިޝަނުން ވޯޓުލާމީހުން ދެނެގަތުމަށް ފާހަގަ ޖަހާ އިނގިލި ބަދަލުކުރެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ. ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު 282،804 މީހުންނަށް ލިބޭނެއެވެ. މީގެ ތެރޭގައި ހިމެނެނީ 144،410 ފިރިހެނުންނާއި 138،394 އަންހެނުންނެވެ.