
ރާއްޖޭގައި ގިނަވީ އަނިޔާވެރިކަމަށް ދާން ބޭނުންނުވާ ރައްޔިތުން - ފަޒްނާ
Ibrahim Mohamed Solih, Fazna
ދިވެހިރާއްޖޭގައި ގިނަވީ އަނިޔާވެރިކަމަށް ދާން ބޭނުން ނުވާ ރައްޔިތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

ފަޒްނާ މިހެން ވިދާޅުވީ، "ރާއްޖެޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައެވެ. އެގޮތުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި ގިނަ ބަޔަކާ ބައްދަލުވެ ވާހަކަ ދައްކާފައިވާ ކަމަށާއި، ގިނަ ރައްޔިތުން ބުނަމުންދަނީ ކުރީގެ އަނިޔާވެރިކަމަށް ދާން ބޭނުންނުވާ ކަމަށް ފަޒްނާ ވިދާޅުވިއެވެ.
"މާޒީގައި އޮތް އަނިޔާވެރިކަމަށް ދާން ބޭނުންނުވާ ރައްޔިތުން ގިނަ. ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގެ ކެމްޕޭނުގައި ގިނަ ބަޔަކާ ބައްދަލުވެ ވާހަކަ ދައްކައިފިން. ކުރީގެ އަނިޔާވެރިކަމަށް ދާން ބޭނުންނުވާ ކަމަށް ގިނަ ބަޔަކު ބުނޭ،" - ފަޒްނާ ވިދާޅުވި އެވެ.
އަދި ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާ ދެކޮޅަށް ވޯޓުދިން ގިނަ މީހުންނަކީ ކޮންމެވެސް އަމިއްލަ މަސްލަހަތަކަށްޓަކައި އުފެދިފައިވާ ހިތްހަމަނުޖެހުން ތަކެއްގެ ސަބަބުން އެމަނިކުފާނާއި ދެކޮޅަށް ވޯޓުދިން ބައެއް ކަމަށް ފަޒްނާ ވިދާޅުވި އެވެ. ނަމަވެސް ރައީސް ސޯލިހަކީ އަނިޔާވެރި އަދި ކޮރަޕްޓް ބޭފުޅެއް ނޫން ކަމަށް ދިމާވި ރައްޔިތުން ބުނެފައިވާ ކަމަށް ފަޒްނާ ވިދާޅުވި އެވެ.
މީގެއިތުރުން ފަޒްނާ ވަނީ ރައްޔިތުން ވޯޓު ދޭއިރު އިދިކޮޅުން ތަފާތު ވައުދުތައްވި ނަމަވެސް، މި ސަރުކާރުން ފުއްދާފައިވާ ވައުދުތަކުގެ މައްޗަށް ބެލުމަށް ވެސް އިލްތިމާސްކުރައްވާފަ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ. މުއިއްޒަށް ވަނީ 101،635 ވޯޓް ލިބިވަޑައިގެންފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ.