Sinan, Fayyaz
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ސިނާން އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.
ކުރީގެ މެމްބަރު ސިނާން އެމްޑީޕީއާ ގުޅިވަޑައިގެންފައިވަނީ މިއަދު އެވެ. ސިނާނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި މަޖިލީހުގެ ގޮނޑި ގެއްލުވާލި 12 މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަތް ބޭފުޅެކެވެ.
މެމްބަރު ސިނާން އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކެވެ. އޭނާގެ މައްޗަށް އޭރުގެ ސަރުކާރުން ވަނީ ޓެރަރިޒްމގެ ދައުވާ އުފުލާފައެވެ.
ސިނާންގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އޭރުގެ ސަރުކާރުން ހައްޔަރުކުރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި މަޖިލީހުގެ ބައެއް މެމްބަރުންގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ އޭރު އުފުލިއެވެ.