
ސަސުއޮލޯ އަތުން ބަލިވެ، ލީޑު ފުޅާކުރުމަށް ލިބުނު ފުރުސަތު އިންޓަ މިލާނުން ނަގާލައިފި
IMG_20230928_044056
އިޓާލިއަން ސެރިއޭގައި ބުދަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ސަސުއޮލޯ އަތުން ބަލިވެ، ލީގު ތާވަލުގެ ކުރީގައި ލީޑު ފުޅާކުރުމަށް ލިބުނު ފުރުސަތު އިންޓަ މިލާނުން ނަގާލައިފި އެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އިންޓަ މިލާނުން ނެވެ. މިލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނެދަލޭންޑްސްގެ ޑިފެންޑަރު ޑެންޒެލް ޑަމްފްރީއެވެ. މިއީ އެޓީމުގެ ފުރާންސް ފޯވާޑް މާކަސް ތުރާމް ތަނަވަސްކޮށްދިން ފުރުސަތެއްގައި ބޯޅައާއެކު ސަސުއޮލޯގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ތިރިތިރިން ފޮނުވާލި ބާރު ހަމަލާ ގޯލްގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އިންޓަ މިލާން ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ސަސުއޮލޯ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލްބޭނިއާގެ މިޑްފީލްޑަރު ނެޑިމް ބަޖްރާމީ އެވެ. މިއީ އެޓީމުގެ އިޓަލީ ފޯވާޑް ޑޮމެނިކޯ ބެރާޑީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބޯޅައާއެކު އިންޓަ މިލާނުގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާ ގޯލްގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިމެޗުގައި ސަސުއޮލޯ އިން ފުރަތަަމަ ފަހަރަށް ލީޑު ހޯދި ލަނޑު ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ޑޮމެނިކޯ ބެރާޑީ އެވެ. މިއީ އިންޓަ މިލާންގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލްގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މެޗުގެ ފަހުވަގުތު ކޮޅުގެ ތެރޭގައި ދެޓީމުން ވެސް ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-1 ގެ ނަތީޖާއަކުން ސަސުއޮލޯ ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު ހަ މެޗުން ސަސުއޮލޯއަށް 9 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 8 ވަނައިގައެވެ. އަދި މިމެޗުން ބަލިވި އިންޓަ މިލާން ލީގުގައި ކުޅުނު 6 މެޗުން ލިބުނު 15 ޕޮއިންޓާއެކު މިވަގުތު އޮތީ ލީގު ތާވަލްގެ އެއްވަނައިގައެވެ. ދެވަނަގައި އޮތް އޭސީ މިލާނަށް ވެސް 6 މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު އިންޓަ މިލާނަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.