ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ޑރ މުހައްމަދު މުއިއްޒު ކުރައްވަނީ ރާއްޖެ ދުށް އެންމެ ކޮރަޕްޓް އަދި އަނިޔާވެރި ވެރިޔާގެ ހިޔަނީގައި ހުންނަވައިގެން ކަމަށް ވިދާޅުވެ، ޑރ މުހައްމަދު އިޔާޒް ފާޑުވިދާޅުވެއްޖެވެ.
ޑރ އިޔާޒް މިހެން ވިދާޅުވީ، އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްގެ ކެމްޕޭންގައި އަނިޔާވެރިކަން ނައްތާލާނީ އޭނާ ކަމަށް މުއިއްޒު ވިދާޅުވަމުން ގެންދާތީ އެޔަށް ރައްދު ދެއްވަމުން ކުރެއްވި ޓުވީޓެއްގައެވެ.
އިޔާޒް ކުރެއްވި ޓުވީޓުގައި ވިދާޅުވީ އަނިޔާވެރިކަން ނިންމުމަށް ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވާ އިރު، މުއިއްޒު ކެމްޕޭން ކުރައްވަނީ ރާއްޖެ ދުށް އެންމެ ކޮރަޕްޓު، އެންމެ އަނިޔާވެރި ވެރިޔާގެ ފޮޓޯފުޅުގެ ހިޔަނީގައި ހުންނަވައިގެން ކަމަށެވެ.
"މުއިއްޒު ދިވެހި ރައްޔިތުންނަށް ހެޔޮއެދިވަޑައިގަންނަވާ ނަމަ އަނިޔާވެރިންނާއި ޚާއިނުންގެ ކިބައިން ދުރުހެލިވެލައްވާ." އެމްޑީޕީ ކޯލިޝަންގައި ހިމެނޭ އަދާލަތަށް ނިސްބަތްވާ ދީނީ އިލްމުވެރިޔާ ވިދާޅުވި އެވެ.
މުއިއްޒަކީ މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވާ ކެންޑިޑޭޓެވެ.