
EvW4QjsVEAI85yC
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފިއެވެ. އޭނާ މިކަން ހާމަކުރެއްވީ އޭނާގެ ޓުވިޓާ އެކައުންޓްގައި ހާމަ ކުރެއްވި ފޮޓޯއަކާއެކުއެވެ.

އުމުރުން 70 އަހަރުގެ މޯދީ ވެކްސިން ޖައްސަވާފައިވަނީ ނިއު ދިއްލީގައި ހުންނަ އޯލް އިންޑިޔާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސްގައެވެ. އޭނާ ވެކްސިން ޖެއްސެވުމަށްފަހު ވަނީ އެ ޤައުމުގެ ޑޮކްޓަރުންނާއި ސައިންސްވެރިން ކޮވިޑް 19 އާ ދެކޮޅަށް ކުރާ މަސައްކަތް ފާހަނގަކޮށްފައެވެ.
އެމެރިކާއަށްފަހު ދުނިޔޭގައި އެންމެ ގިނަ ކޮވިޑް 19ގެ ކޭސްތައް ފެނުނު ޤައުމަކީ އިންޑިޔާއެވެ. އެ ޤައުމުގައި މިހާތަނަށް ވަނީި ސިއްޚީ ދާއިރާގައި އަދި ފްރޮންޓްލައިންގައި މަސައްކަތްކުރާ 12 މިލިއަނަށްވުރެ ގިނަ ފަރާތްތަކަށް ވެކްސިން ދީފައެވެ. އަދި 60 އަހަރުން މަތީގެ ފަރާތްތަކާއި 45 އަހަރުން މަތީގެ ފަރާތްތަކުގެ ތެރެއިން ހައި ރިސްކް ކެޓެގަރީއަށް ފެތޭ ފަރާތްތަކަށް ވެކްސިން ޖެހުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ.
އިންޑިޔާގެ ސަރުކާރު ހޮސްޕިޓަލް ތަކުގައި ހިލޭ ވެކްސިން ދިނުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. ނަމަވެސް އެ ޤައުމުގެ ޕްރައިވެޓް ހޮސްޕިޓަލް ތަކުން ވެކްސިން ޑޯޒަކަަށް 250 ރުޕީސް ނަގާނެ ކަމަށް ސިއްޚީ އޮފިޝަލުން މައުލޫމާތު ދެއެވެ.
އިންޑިޔާގައި މިހާތަނަށް 11 މިލިއަން ކޮވިޑް 19 ކޭސް ފެނުނު ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. އަދި އެ ބަލީގައި 157،000 މީހުން ވަނީ މަރުވެފައެވެ.