ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ހުށަހެޅުނު ޝަކުވާތަކާއި ގުޅިގެން ބަދަލުތައް ގެނައުމަށް ފަހު އާވޯޓާރސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.

ވޯޓަރސް ރަޖިސްޓްރީ އެންމެ ފުރަތަމަ އާންމު ކުރެވުނީ މި ފެބްރުއަރީ މަހުގެ 09 ވަނަ ދުވަހުއެވެ.

މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ މާރޗް މަހުގެ 11 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އީސީ އިން މައުލޫމާތު ދީފައިވާ ގޮތުގައި، ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 01:00، ރަސްމީ ބަންދު ދުވަސްތަކުގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށް، އަދި ހުކުރު ދުވަހުގެ މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް މި ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އަލަށް އާންމުކުރެވުނު ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓާއި، އީސީގެ ވެބްސައިޓުން، މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާއިން، އަދި ސިޓީ ތަކުގެ ސިޓީ ކައުންސިލް އިދާރާ/އަވަށު އޮފީހުން އާންމުކޮށް ފެންނަން ހުންނާނެ ކަމަށް އީސީ އިން ވަނީ ބުނެފައެވެ. މީގެ އިތުރުންވެސް 1414 އަށް މެސެޖު ކުރައްވައިގެންވެސް ވޯޓަރސް ރަޖިސްޓްރީ ޗެކް ކުރެވޭނެއެވެ.

ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ޝަކުވާ ފޯމް، ކޮމިޝަނުގެ ވެބްސައިޓުންނާއި ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެކަމަށްވެސް އީސީ އިން ވަނީ ބުނެފައެވެ. ޝަކުވާ ފޯމް އީމެއިލް މެދުވެރިކޮށް ([email protected]) އަށް ނުވަތަ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ރަށްރަށުގެ ކައުންސިލް އިދާރާއިން ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ބޭއްވުމަށް އީސީއިން ވަނީ މަސައްކަތް ފަށާފައިއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް