
209767_3_d3810026c6c1a7199b9e00f2f7f861cc9610420d
ޓްރާންސްޕޯޓު މިނިސްޓަރުގެ މަގާމުގައި ހުންނެވި އައިޝަތު ނަހުލާ މަގާމުން ވަކިކުރިޔަސް މައްސަލައެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ، ނ ލަންދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ގާސިމް ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ނަމަވެސް ގާނޫނާ ހިލާފު ކަމެއް ނަހުލާ ނުކުރައްވާނެ ކަމަށާއި އެފަދަ ކަމެއް ކުރަން އެންގިޔަސް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
"އެހެންވީމާ އޭނާ ހުންނާނެ ދުވަހަކު އޭނާ ހުރެފައި އޭނާ ވަކިވެވަޑައިގަންނަވަން ބޭނުންފުޅުވީމާ ވަކިވެވަޑައިގަންނަވަންވީ. ނޫނީ ރައީސުލްޖުމްހޫރިއްޔާ ކަނޑާލާނެއެއްނު ދޯ. އެ ނިމުނީނު. ކޮންމެހެން މާ ބޮޑު މައްސަލައެއް އޮތީކީ ނޫން. ބެހެއްޓިޔަސް ނުބެހެއްޓިޔަސް،" ގާސިމް ވިދާޅުވި އެވެ.
އޭނާގެ ހަ ދަރިންގެ މަންމައަކީ ނަހުލާކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ ކުޑަކުޑަ ކުދިންކޮޅު ދޫކޮށްލާފައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށް ނަހުލާ ބުރަކޮށް މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީގައި ވެސް ނަހުލާއާ މާބޮޑު މަސްއޫލިއްޔަތެއް ހަވާލުކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.
"އެތަނާ ހަވާލުކޮށްފައި ހުރި މަސައްކަތްތަކާއި ހުރިހާ އެއްޗެއް ކޮށައި ކުދިކޮށްފައި އޮނިގަނޑު އެބަ ހުރި ޓްރާންސްޕޯޓު މިނިސްޓްރީގައި. އެއްވެސް ޒިންމާއެއް، އެއްވެސް ކަހަލަ ބޮޑު ކަމެއް ކުރެވޭނެ މާބޮޑު މަސްއޫލިއްޔަތެއް އެތަނުގައި ނެތް ހަވާލުކޮށްފައެއް ނެތް،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވަނީ މި ވާހަކަތައް ނުދައްކާ ހުންނެވީ ކަންކަން ހިނގާ ގޮތް ނޭނގިގެން ނޫން ކަމަށާއި އެ ވާހަކަތައް ނުދައްކަނީ އަމާންކަމާއެކީ ސަރުކާރަކަށް ފަސް އަހަރުގެ ދައުރެއް ލިބެން ބޭނުންވާތީ ކަމަށްވެސް ވިދާޅުވެފަ އެވެ.