
ރާއްޖޭގެ ހުރިހާ ސްކޫލުތަކުގެ ހުރިހާ ކްލާސްރޫމްތައް އޭސީކޮށްދޭނަން - ގާސިމް
F36mEJtbcAAA-kj
އަންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވިއްޖެނަމަ ރާއްޖޭގެ ހުރިހާ ސްކޫލުތަކުގެ ހުރިހާ ކުލާސްރޫމްތައް އޭސީކޮށްދޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމު އިބްރާހީމު ވައުދުވެވަޑައިގެންފި އެވެ.

ކެމްޕެއިނަށް ށ އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން ރޭ ށ. މިލަންދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއެކު ހޫނުގަދަވުމުގެ ޝަކުވާ ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ޕްރިންސިޕަލުންގެ ފަރާތުން ލިބޭ ކަމަށެވެ. އެގޮތުން މިކަމަށް ހައްލެއް ހޯދަވައި ދެއްވުމަށްޓަކައި ވެރިކަން ލިބިއްޖެ ނަމަ ރާއްޖޭގެ ހުރިހާ ސްކޫލުތަކުގެ ހުރިހާ ކްލާސްރޫމްތައް އޭސީކޮށްދޭނެ ކަމަށް ގާސިމު ވިދާޅުވިއެވެ.
މީގެ އިތުރުން ގާސިމް ވަނީ ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ތަންތަންވެސް އޭސީ ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ގާސިމް ވިދާޅުވީ ބަލި މީހުން ބާއްވާ ހޮސްޕިޓަލްތަކުގައި ނުވަތަ ކްލިނިކްތަކުގަ އަދި ބަލިމީހުން އެޑްމިޓްކޮށްގެން ބާއްވާ ތަންތަނުގަ އެއާކޮންޑިޝަން ކުރެވިފައި ނުވާ ތަންތަން އެމަނިކުފާނުގެ ވެރިކަމެއްގައި އެއާ ކޮންޑިޝަން ކޮށްދޭނަން ކަމަށެވެ.
ގާސިމް ވިދާޅުވީ އިންސާނަކަށް އެންމެ ފުރަތަމަ ބޭނުންވަނީ ރަނގަޅު ސިއްހަތެއް ކަމަށާއި އެއަށްފަހު ތައުލީމުކަމުން މިކަންކަން ކުރަން ކޮންމެހެންވެސް ޖެހޭ ކަމަށެވެ.