
އެމްއައިބީގެ ބިޒްނަސް ސެންޓަރު ކުރީގެ ރައީސް މައުމޫނު ހުޅުއްވައިދެއްވައިފި
F1OLoRDagAEjYNt
މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީގެ ބިޒްނަސް ސެންޓަރ ހުޅުވައިފިއެވެ.

ހ. މެރިން ޑްރީމްގައި ހުންނަ އެމްއައިބީގެ ބިޒްނަސް ސެންޓަރ ހުޅުއްވައިދެއްވީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި އެމްއައިބީގެ ޗީފް އެގްޒެކްޓިވް އޮފިސަރ މުފައްދަލް އިދްރީސްއެވެ.
އެމްއައިބީގެ ސީއީއޯ މުފައްދަލް އިދްރީސް ވިދާޅުވީ، ކޯޕަރޭޓް އަދި ރީޓެއިލް ކަސްޓަމަރުންނަށްވެސް މި ބިޒްނަސް ސެންޓަރުން ހިދުމަތް ލިބޭނެކަމަށެވެ. އަދި ކަސްޓަމަރުންނަށް ދޭ ހިދުމަތް ފުޅާކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުގައި ބިޒްނަސް ސެންޓަރުތަކާއި ބްރާންޗްތަކާއި ޑިޖިޓަލް ހިދުމަތް ފުޅާކުރުމަށް މަސައްކަތް ކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ސެންޓަރުގައި ބިޒްނަސް ލައުންޖަކާއި، ކާޑް ކަލެކްޝަން ސެންޓަރުގެ ޚިދުމަތާއި އޭޓީއެމްގެ ޚިދުމަތް ލިބޭން ހުންނާނެ ކަމަށް އެމްއައިބީއިން ބުނެފައިވެއެވެ. އަދި މިތަނުގައި ޑޮލަރު ނެގޭނެ އޭޓީއެމްއެއްވެސް ވަނީ ބަހައްޓާފައެވެ.
އެމްއައިބީން ބުނީ އެ ސެންޓަރުން ކަސްޓަމަރުންނާއި ވީހާވެސް ގާތުން، އަވަސް ޚިދުމަތެއް ފޯރުކޮށްދެއްވާނެ ކަމަށެވެ. އެމްއައިބީގެ ބާޒާރު ސަރވިސް ސެންޓަރުން ދެމުންދާ ހިދުމަތްތައްވެސް މިހާރު އަލަށް ހުޅުވި ބިޒްނަސް ސެންޓަރަށް ބަދަލުކޮށްފައިވާކަމަށް އެމްއައިބީން ބުނެއެވެ.
ބިޒްނަސް ސެންޓަރ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއައިބީގެ ފަރާތުން ރައީސް މައުމޫނަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ.