
EvJrTp7VkAAEn8g
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ހަވީރު ބާއްވަން ނިންމާފައިވާ އެއްވުމަށް ފުރުސަތު ނުދޭނެ ކަމަަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި ހޯމް މިނިސްޓްރީން އިންޒާރު ކޮށްފައިވަނިކޮށް އިދިކޮޅު ސަޕޯޓަރުން މަގުމައްޗަށް ނިކުމެ މުޒާހަރާ ފަށައިފި އެވެ.

މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ ޕީޕީއެމް/ޕީއެންސީގެ އިސް ބައެއް ބޭފުޅުން ހައްޔަރުކޮށްފައެވެ. އެގޮތުން ޕީޕީއެމްގެ އިސް ދެ މެންބަރުން ކަމަށްވާ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އާއި ކާނަލް މުހައްމަދު ނަޝީދު ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ އެ މީހުން ހައްޔަރު ކުރީ އެއްވުން ހުއްޓުވުމުގެ ބޭނުމުގައި ކަމަށެވެ. ފުލުހުން ވަނީ މިހާތަނަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުުކުރީ މަޖީދީމަގުންނެވެ.
ފުލުހުން ވަނީ ބައެއް އާންމުންވެސް ހައްޔަރުކޮށްފައެވެ. އަދި ޕީޕީއެމްގެ އޮފީހަށް ވަންނަން ހުންނަ ދޮރު ބަންދުކޮށް އެއްވެސް ބަޔަކަށް އެތެރެއަށް ނުވަދެވޭ ގޮތަށް އަދި އޮފީހުގެ ތެރޭގައި ތިބި މީހުންނަށް ބޭރަށް ނުނިކުމެވޭ ގޮތްވެސް ހަދާފައިވެއެވެ.
މިއަދު ފުލުހުން ވަނީ އިދިކޮޅުން ބާއްވާ މުޒާހަރާއަކީ އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފަށް ބާއްވާ މުޒާހަރާއެއް ކަމުން ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ ހިލާފަށް އެއްވެސް އެއްވުމެއް ބާއްވަން ފުރުސަތު ނުދޭނެ ކަމަށް ބުނެފައި އެވެ. ބަލި ފެތުރޭގޮތަށް މަގުތަކަށް ނުކުމެއްޖެ ނަމަ ހުއްޓުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާތީ އެއްފަހަރާ 10 މީހުންނަށް ވުރެ ގިނައިން މަގުތަކަށް އެއްވާން އެޗްޕީއޭއިން ވަނީ މަނާކޮށްފަ އެވެ.
ޕީޕީއެމްގެ އޮފީހުގައި ހުންނަވައިގެން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ފުލުހުންނާއި ހޯމް މިނިސްޓްރީން އަންގާފައި ވަނީ ގާނޫނާ ހިލާފު އަމަރުތަކެއް ކަމަށާއި ގައުމުގެ ހާލަތު އޮތް ގޮތުން އެންމެން ވެސް މުޒާހަރާއަށް ނިކުންނަން ޖެހޭ ކަމަށެވެ. އަދި ޕީޕީއެމް އޮފީސް ދޮރުމަތީގައި ފުލުހުން ތިބި ނަމަވެސް މާލޭގެ ހުރިހާ އަވަށްތަކުން ޕީޕީއެމްގެ ސަޕޯޓަރުން މަގުމައްޗަށް ނިކުތުމަށް އަދުރޭ އަންނަނީ ގޮވާލައްވަމުންނެވެ.