
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރެއްވި ކެނޑިޑޭޓުން ޖޫރިމަނާކޮށްފި
Guraidhoo
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރެއްވި 3 ކެނޑިޑޭޓުން އިލެކްޝަން ކޮމިޝަނުން ޖޫރިމަނާ ކޮށްފިއެވެ.

މި ތިން ކެންޑިޑޭޓުން ޖޫރިމަނާ ކޮށްފައިމިވަނީ، ކެނޑިޑޭޓުންގެ ފަރާތުން ހުށަހަޅާފައިވާ މާލީ ބަޔާންތަކަކީ، އިންތިހާބުތަކާބެހޭ ޢާންމު ގާނޫނު ގެ 73 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ހުށަހަޅާފައިވާ މާލީ ބަޔާނަކަށް ނުވާތީކަމަށް އީސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އަދި ހަމަ އެގާނޫނުގެ 75 ވަނަ މާއްދާގެ (ށ) ގެ ދަށުން، ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރެއްވި 3 ކެނޑިޑޭޓުންނާއި، ކެންޑިޑޭޓުންގެ އިންތިޚާބީ އޭޖެންޓުން ވެސް 6000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް، އީސީން ވަނީ ނިންމާފައެވެ. އަދި މިފައިސާ މި ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދެއްކުމަށް ވެސް ކެނޑިޑޭޓުންނަށް ވަނީ އަންގާފައެވެ.
މީގެ އިތުރުން މާލީ ބަޔާނުގައި ގާނޫނު ލާޒިމްކުރާ މިންވަރަށް ފުރިހަމަ ވާންޖެހޭ ކަންކަން ފުރިހަމަ ނުވާނަމަ، ކުރިޔަށް ހުރި އިންތިޚާބުތަކުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނާ މެދު ވެސް މިފަދައިން ޢަމަލުކުރާނެކަމަށް ކޮމިޝަނުން ވަނީ އަންގާފައެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެއް ބާއްވާފައި ވަނީ އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރިޒާ އަވަހާރަވުމުންނެވެ. މި އިންތިހާބު 1346 ވޯޓާއިއެކު ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒެވެ.