
75516668_135089984126014_8265607991435849608_n
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބުނު ފަރާތްތަކަށް އަންނަ މާޗު މަސް ނިމުމުގެ ކުރިން ފްލެޓު ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި މިނިސްޓަރ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އެ ފްލެޓްތަކަށް ވަދެވޭ ވަރުވާނީ އަންނަ މަހު ނިމޭ ހިސާބުގައި ކަމަށާއި ފްލެޓު ލިބޭ ފަރާތްތަކަށް ފްލެޓު ހަވާލުކުރުމުގެ ކުރިން ހައުސިން މިނިސްޓްރީން ނިންމަން ޖެހޭ ކަންތައް ކުރަމުންދާ ކަމަށާއި އެގޮތުން އެގްރިމެންޓު ހެދުމުގެ ކުރިން ބަލަންޖެހޭ ކަންތައް މިހާރު ބަލަމުންގެންދާ ކަމަށެވެ.
އަސްލަމް އިތުރަށް ވިދާޅުވީ ފްލެޓްތައް ހަވާލުކުރި ނަމަވެސް ތިން މަހަށް އަގު ނުނަގާ ގޮތަށް ނިންމާފައިވާ ކަމަށާއި އަގު ނުނަގައި އެތަނަށް މީހުންނަށް ވަދެވޭ ގޮތަށް ހަދާފައި ވަނީ އެތަނަށް ވަންނަ މީހުންނަށް އެތަނުގެ ފިނިޝިން މަސައްކަތްތައް ނިންމުމަށް ކަމަށެވެ.
"އެހެން ނަމަވެސް އެ ފްލެޓްތަކަށް ނުއެއް ވަދެވޭނެކަން އެނގޭ ހަވާލުކުރިޔަސް. ހަމަ އެއާއެކީ އަޅުގަނޑު ދޭނަން އިތުރު ތިން މަސް މިކަމަށް އެއީ އަގު ނުނަގާ އެއީ ވަނުމަށް ޓަކައި ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި. އެ ފްލެޓްތަކަކީ ފިނިޝަން މަސައްކަތްތަކުގެ ބައެއް މަސައްކަތްތައް ނުކޮށް ހުރިތަނެއް. ފްލެޓްތަކުގައި އެތެރޭގަ ޓައިލްސް ޖަހާފައެއް ނެތް. އެތެރޭގެ ފާހާނާގަޔާ އެތެރޭގަ ދޮރެއް ނެތް" އަސްލަމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ފްލެޓަށް މީހުން ވަންނަ އިރު ފެނާއިި ކަރަންޓުގެ ހިދުމަތް ދޭނެ ކަމަށެވެ.
އަސްލަމް އިތުރަށް ވިދާޅުވި ގޮތުގައި ފްލެޓްތައް ހަވާލުކުރުމުގެ ކުރިން ފްލެޓްތައް ލިބުނު މީހުންގެ މައުލޫމާތުތައް ކަށަވަކުރުން ޖެހޭ ކަމަށާއި އެކަމަށްޓަކައި މިހާރު މުވައްސަސާތަކާ ބައްދަލުވެސް ކޮށްފައިވާ ކަމަށެވެ. އަދި އެ މައުލޫމާތުތައް ދެ ތިން ހަފްތާ ތެރޭ ބަލައި ސައްހަކަން ކަށަވަރުކޮށްދޭން މިހާރު އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.