
Afeef
ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފްގެ އެދިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެމަނިކުފާނާއި ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުވުމަކީ އަފީފްގެ އެދިލެއްވުމަކަށް ކުރިއަށްގެންދިޔަ ބައްދަލުވުމެއް ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވީ ނަމަވެސް އެބައްދަލުކުރެއްވުމާއި ގުޅޭ އެއްވެސް އިތުރު ތަފްސީލެއް ހާމަކޮށްފައިނުވެއެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ނައިބު ރައީސް އީވާ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެލައްވާ ކަމަށް އެ ދެބޭފުޅުން ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ ޖަލްސާތައް ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ކުރިއަށް ގެންދަން ދަތިވެ، ހުއްޓި، ނިންމާލަން ޖެހޭތާ ދެ ހަފްތާއަށްވުރެ ގިނަ ދުވަސް ވެފައި ވަނިކޮށް މިއަދުގެ ޖަލްސާ ފަށާފައި ވަނީ ވަރަށް އަމާން ކޮށެވެ. މިއަދު ވެސް ޖަލްސާގެ ރިޔާސަތުގައި އިންނެވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.
މަޖިލީހުގެ މަސައްކަތްތައް މިހާރު ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެވޭނީ، މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން އިސްވެ ހުށަހަޅާފައިވާ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރުނެތް ކަމުގެ ކޮންމެވެސް އެއް މައްސަލައެއް އަނބުރާ ގެންގޮސްގެން ކަމަށް އިދިކޮޅު ޕާޓީތަކުން ވަނީ ބުނެފައެވެ.
މަޖިލިސް ކުރިއަށް ނުގޮސް ހުއްޓުމަކަށް އައިސްފައިވާއިރު ސިޔާސީ ވާދަވެރިން އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތު ކުރުމުގައި ކުރިއަށްދާއިރު، މަޖިލީހުގެ ތަޅުމުގައި މިހާރުވެސް މުހިންމު ބިލުތަކަކާއި މުހިންމު މައްސަލަތަކެއް އެބަހުއްޓެވެ.