ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާ މިއަދުވެސް ނިންމަވާލަން ރިޔާސަތަަށް މަޖުބޫރުވީއެވެ. ނަމަވެސް މިއަދު މަޖިލިސް ނިންމަވާލެއްވުމަށް ރިޔާސަތުގައި އިންނެވީ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީީފް އަމަލު ކުރެއްވި ގޮތާއިި މެދު ގިނަ ބަޔަކު މިވަނީ ކަންބޮޑުވުން ފާޅުކުރަން ފަށާފައެވެ.
މިއަދުގެ ޖަލްސާ ހުއްޓާލަން ރިޔާސަތަށް މަޖުބޫރުވެގެންދިޔައީ ސަރުކާރާއި އިދިކޮޅު މެމްބަރުންގެ ސަބަބުންނެވެ. އެގޮތުން މިއަދުގެ މަޖިލީހުގެ ޖަލްސާ ހަލަބޮލި ކޮށްލީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ މެމްބަރުންނާއި ވެރިކަން ކުރާ އެމްޑީޕީއިން ދާދި ފަހުން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސް ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުން އަންނަ މެމްބަރުންނެވެ. އެގޮތުން މިއަދުގެ ޖަލްސާގައި ބޭދަބީ ބަސްތައްވެސް މެމްބަރުން ބޭނުންކުރިތަން ފެނިގެންދިއައެވެ. މިއަދުގެ ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން މަޖިލީސް ކުރިޔަށް ނުގެންދެވިގެން ދެފަހަރެއްގެ މަތިން މަޖިލީސް މެދުކަނޑާލަންވެސް ޖެހުނެއެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވަން މިއަދުގެ ޖަލްސާގައި މަސައްކަތް ކުރައްވާފައެވެ. އެއީ ސަރުކާރުން ބިލިއަނުން ކުންފުނިތަކަށް ބަދަލު ދިންކަމަށް ބުނާ މައްސަލައިގައި، ބަދަލުދިން އަދަދުގެ ތަފްސީލާއި ބަދަލު ދިން ހުރިހާ ކުންފުނިތަކެއްގެ ނަންތައް ހާމަ ކުރުމަށް ގޮވާލާ ހުށަހެޅި މައްސަލަ އެވެ. އެ މައްސަލަ ހުށަހަޅަން އާދަމް ޝަރީފްއަށް ފުރުސަތު ދެއްވި ނަމަވެސް މަޖިލީހުގެ ތަޅުން ހޫނުވުމުގެ ސަބަބުން އެ މައްސަލަ އެއްކޮށް ހުށަހެޅޭ ގޮތްވަނީ ނުވެފައެވެ.
މަޖިލީހުގެ ތަޅުން ހޫނުވެ މަޖިލިސް މިއަދަށް ނިންމާލިކަން އިއުލާނުކުރެއްވުމުގެ ކުރިން ރިޔާސަތުގައި ބެލެހެއްޓެވި މެމްބަރު ހަސަން އަފީީފް އަށް ފޯނު ކޯލެއް އައި މަންޒަރު މަޖިލީހުގެ ލައިވް ފީޑުން ފެނިގެން ދިޔައެވެ. އަދި އެވަގުތު ރިޔާސަތުގެ މައިކު އޮން ކޮށްފައި ހުރުމުން މެމްބަރު ހަސަން އަފީީފް ދެއްކެވި ވާހަކަފުޅު ވަރަށް ސާފުކޮށް ލައިވްއިން އަޑުއިވެއެވެ.
ފޯނު ކޯލު ނެންގެވުމަށްފަހު އަފީފް ވިދާޅުވީ "މަޖިލިސް މި ނިންމާލަނީ" އެވެ. އަދި އެއަށްފަހު އެމަނިކުފާނު މަޖިލިސް ނިންމެވިކަން ރަސްމީކޮށް މަޖިލީހުގައި އިއުލާނުކުރެއްވި އެވެ.
މިކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އަފީފް އަށް ފާޑުކިޔަމުންނެވެ. އެގޮތުން މަޖިލީހުގެ ޖަލްސާ ނިންމާލުމަށް އަފީފްއަށް އެހެން މީހެއްގެ ފަރާތުން " އޯޑަރު " އައީ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައިވުމާއި ގުޅިގެން ނަޝީދު ވަނީ ރިޔާސަތުގައި އިންނަވަން އުޒުރުވެރިވާކަމަށް ވިދާޅުވެފައެވެ.
މަޖިލީސް ނިންމަވާލެއްވުމަށް އަފީފް އަށް " އޯޑަރު " އައީ ނަޝީދުގެ ފަރާތްފުޅުން ކަމަށް ގިނަބަޔަކުދަނީ ބުނަމުންނެވެ. ނަމަވެސް އެކަން ކަށަވަރު ނުކުރެވެއެވެ. އަފީފް އަކީ ނަޝީދު އާއި ވަރަށް އަރިސް ބޭފުޅެކެވެ. އަދި މިއަދު މަޖިލިސް ހަލަބޮލި ކޮށްލި ދަ ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ މެންބަރެކެވެ. އަދި މަޖިލީހުގެ ރިޔާސަތުގައި އިންނަވަން އަފީފުއަަށް ފުރުސަތު ދެއްވީ ވެސް ނަޝީދު އެވެ. އެހެން ކަމުން މިއީ ނަޝީދު ގެ " އޯޑަރެއް " ކަމަށް ބެލެވޭނެ ފުރުސަތު އޮވެދާނެއެވެ.
މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި އަފީފް މިއަދު މަޖިލީހުގެ ޖަލްސާގައި ފޯނު ބޭނުންކުރެއްވި އިރު މަޖިލީހުގެ ތަޅުމުގައި ފޯނު ބޭނުން ކުރުމަކީ މަނާ ކަމެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ރަނގަޅަށް ކުރިޔަށް ނުގެންދެވޭތާ މިހާރު މިވަނީ ދެ ހަފްތާ ވެފައެވެ. މަޖިލީހުގެ ތަޅުން ހޫނުވެފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައި ވަނިކޮށެވެ.