ކޮލަމްބިއާގެ ފްލައިޓް ވެއްޓުނު ހާދިސާ: ދަރިން ސަލާމަތްވުމުގައި މަންމަގެ ގުރުބާނީ

އެކުދިން ސަލާމަތް ކުރުމަށްފަހު ރެސްކިއު ޓީމުން އުމުރުން 1 އަހަރުގެ ކުއްޖާއަށް އަވަސް ފަރުވާ ދެނީ

އެމެޒޯން ޖަންޖައްޔަށް ވެއްޓުނު ފްލައިޓުން ދަތުރުކުރި އެއް އާއިލާއެއްގެ 4 ކުދިން 40 ދުވަސް ފަހުން ދިރިތިއްބާ ސަލާމަތް ކުރެވުނު ވާހަކައަކީ މި ދެ ދުވަހު މީޑިއާތަކުގައި އެންމެ ގިނައިން ދެކެވުނު ވާހަކައެކެވެ. ނަމަވެސް އެހާދިސާގައި އެ ކުދިންގެ މަންމަ އެކުދިންނަށްޓަކައި ވީ ގުރުބާނީ އޮތީ 40 ދުވަސް ވަންދެން ވަޅުލެވިފައެވެ.

އެކުދިން ސަލާމަތް ކުރެވުނު ފަހުން މީޑިއާތަކަށް މައުލޫމާތު ދެމުން ހަތަރު ކުދިންގެ ބައްޕަ މެނުއަލް ރަނޯކް ވަނީ އެ ހާދިސާގައި އެކުދިންގެ މަންމަ އެކުދިން ސަލާމަތް ކުރުމަށް ވީ ގުރުބާނީގެ ވާހަކަ ކިޔައިދީފައެވެ. އެގޮތުން އެހާދިސާގެ ހަތަރު ދުވަސް ވަންދެން އެކުދިންގެ މަންމަ ދުނިޔޭގައި ހުރި ކަމަށާއި، އެކުދިންގެ ސަލާމަތް ހޯދުމަށް އެތަނުން ދިއުމަށް މަންމަ އެކުދިންނަށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ.

އުމުރުން 13 އަހަރާއި 9 އަހަރާއި ފަސް އަހަރު އަދި އެއް އަހަރުގެ އެއްބަނޑު އެއްބަފާ ބެއިން ސަލާމަތްކޮށް އެމެޒޯން ޖަންގަލިން ނެރުނީ މިދިޔަ ހުކުރު ދުވަހުއެވެ.

ކޮލަމްބިއާގެ ޖަންގަލީގައި 4 ކުދިން 40 ދުވަސް ވަންދެން ސަލާމަތްވި ގޮތް:

މިސް މުކުޓޫއީ އާއި އޭނާގެ ދަރިން ސެސްނާ 206 މަރުކާގެ މަތިންދާބޯޓުގައި އެމެޒޯނާސް ޕްރޮވިންސްގެ އަރަރަކުއާރާއިން ސެން ހޯސޭ ޑެލް ގުއާވިއާއާ އަށް ދަތުރު ފެށީ މެއި މަހުގެ އެއްވަނަ ދުވަހު އެވެ. އެދަތުރަކީ އެމީހުން ދިރިއުޅޭ ސަރަހައްދުގައި ބަޣާވާތް ކުރާ ޖަމާއަތެއްގެ އިންޒާރުތައް ލިބުމުން އެސަރަހައްދުން ފިލައިގެން ދިޔަ ކުދިންގެ ބައްޕަ ކައިރިއަށް ކުރި ދަތުރެވެ.

އެ ބޯޓު ވެއްޓުނީ އިންޖީނަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ. އެ ބޯޓުގެ ކެޕްޓަން ވަނީ ކޮންޓްރޯލް ރޫމަށް އިންޖީނުގެ މައްސަަލައެއް ދިމާވެގެން އުޅޭކަން ވެއްޓުމުގެ ކުރިން ރިޕޯޓުކޮށްފައެވެ. އަދި ކޮންޓްރޯލް ރޫމަށް ވަކި ހިސާބަކުން ފްލައިޓްގެ ސިގްނަލް ލިބުން ހުއްޓުނެވެ. އެއާއެކު ފްލައިޓާއި ފްލައިޓުން ދަތުރުކުރި މީހުން ހޯދުމުގެ މަސައްކަތް ފެށިއެވެ. އެ މަސައްކަތް ކުރަމުންދިޔަ މީހުންނަށް ފްލައިޓް ވެއްޓުނު ހިސާބަށް ދިއުމަށް ދެ ހަފްތާ ހޭދަވިއެވެ.

ބޯޓު ވެއްޓުނު ސަރަހައްދުން ފެނިފައިވަނީ ބޯޓުގައި ތިބި ބޮޑެތި މީހުންގެ ހަށިގަނޑެވެ. އެއީ ކުޑަކުދިންގެ މަންމަ އާއި ޕައިލެޓާއި ކޯ ޕައިލެޓެވެ. އަދި އޭގެން ދަތުރުކުރި ކުދިން ސަލާމަތް ހޯދުމަށް އެތަނުން ދިޔަކަން އެނގިގެން ދިޔައެވެ.

ގެއްލުނު ކުދިންނަކީ 100 އަށް ވުރެ ގިނަ ސިފައިންނާއި އެކުދިން ނިސްބަތްވާ ހުއިޓޯޓޯއަށް ނިސްބަތްވާ މީހުންގެ އިތުރުން ސްނިފާ ކުއްތާތައް ބައިވެރިކޮށްގެން ހިންގި ބޮޑު ރެސްކިއު އޮޕަރޭޝަންގެ ފޯކަސްއެވެ.

އެގޮތުން އެމަސައްކަތުގެ ތެރެއިން ސާޗް ޓީމްތަކަށް އެކުދިންގެ ނިޝާންތައް ޖަންގަލީގެ ތެރެއިން ފެނިފައިވެއެވެ. އޭގެ ތެރޭގައި ފައިގެ ނިޝާން ތަކާއި، ކާން ބޭނުންކުރި ބައެއް މޭވާތައް ހިމެނެއެވެ. އެފަދަ ނިޝާންތަކުގެ ސަބަބުން ސާޗް ޓީމަށް އެކުދިން ސަލާމަތުން ތިބި ކަމުގެ ޔަގީންކަން ލިބިގެން ދިޔައެވެ.

އަދި ހުއިޓޯޓޯ ބަހުން އެކުދިންގެ މާމަގެ އަޑުން ރެކޯޑު ކޮށްފައިވާ އޯޑިއޯތައް ހެލިކޮޕްޓަރުގެ އެހީގައި އެސަރަހައްދުގައި އަޑުހަރުކޮށް ޖަހަމުން ގޮސްފައިވެއެވެ. އެގޮތުން އެމީހުން ހޯދުމަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ކޮންމެވެސް ތަނެއްގައި މަޑުކޮށްގެން ތިބުމަށް އިރުޝާދުދީފައިވެއެވެ.

އެކުދިން ވަނީ ހެލިކޮޕްޓަރުތަކާއި އެމެސެޖުގެ އަޑު އިވުނު ކަމަށް އެކުދިން ސަލާމަތްކުރި މީހުންގެ ކައިރީގައި ފަހުން ބުނެފައެވެ.

އެކުދިން ފެނިފައިވަނީ ހާމައަށް އޮތް ކުޑަ ތަނެއްގައި ތިއްބާއެވެ. އެގޮތުން އެތަނުން އެއް ކުއްޖަކު ރޯއަޑު އިވިގެން ރެސްކިއު ޓީމުން އެތަނަށް ދެވުނެވެ. އެމީހުންގެ ފެނުނު ވަގުތަކީ ވަރަށްވެސް އުފާވެރި އަދި ބޮޑު ހިތްހަމަޖެހުމެއް ލިބުނު ވަގުތެއް ކަމަށް އެ ޓީމުން ބުނެއެވެ.

އެކުދިން ސަލާމަތް ވުމަށް ކުރި ދަތުރާއި މަންމަގެ ނަސޭހަތް:

އެކުދިންގެ ތެރެއިން އުމުރުން 13 އަހަރުގެ ލެސްލީ ބުނި ގޮތުގައި ހާދިސާއަށްފަހު އެކުދިންގެ މަންމަ 4 ދުވަސްވަންދެން ދިރިހުރިކަމަށެވެ.

އެގޮތުން މަރުވުމުގެ ކުރިން އެކުދިންގެ މަންމަ ވަނީ އެކުދިންނަށް އަމިއްލަ ފުރާނަ ސަލާމަތް ކުރުމުގެ މަސައްކަތް ކުރުމަށް މަންމަ ދޫކޮށް ދިއުމަށް އިރުޝާދުދީފައެވެ. އަދި އެތަނުން ސަލާމަތްވެގެން ދިއުމުން އެކުދިންގެ ބައްޕަ އަކީ ކޮންކަހަލަ ބައްޕައެއްކަން އެކުދިންނަށް އެގިގެންދާނެ ކަމަށްވެސް އެކުދިންގެ މަންމަ އެކުދިން ކައިރީގައި ބުނެފައެވެ. އެގޮރުން މަންމަ އެކުދިންނަށް ދިން ލޯބި ފަދަ ލޯތްބެއް އެކުދިންގެ ބައްޕަ އެކުދިންނަށް ދޭނެ ކަމުގެ ޔަގީންކަން ދީ އެކުދިން އެ ބިރުވެރިކަމުން ސަލާމަތް ކުރުމަށް ހިތްވަރު ދިނުމުގައި މަންމަގެ އެންމެ ފަހު ވަގުތުވެސް މަސައްކަތް ކޮށްފައިވެއެވެ.

ޖަންގަލީގައި ކުދިން ހޭދަކުރި ދުވަސްތަކާއި އެކުދިންގެ ސަލާމަތް ވުމަށް ދިމާވި އާދަޔާ ހިލާފު ކަންތަކާ ބެހޭ ތަފްސީލުތައް އަންނަނީ ލިބެމުންނެވެ. އޭގެ ތެރޭގައި އެ ކުދިން ފެނުނު އިރު އެންމެ ފުރަތަމަ ދެއްކި ވާހަކަތައް ވެސް ހިމެނެ އެވެ.

އެގޮތުން އެކުދިން ސަލާމަތް ކުރުމަށް ހިންގި ބޮޑު އޮޕަރޭޝަންގައި ހިމެނޭ ރެސްކިއު ވޯކަރު ނިކޮލަސް އޯޑޯނޭސް ގޯމޭސް ވަނީ އެކުދިން އެންމެ ފުރަތަމަ ފެނުނު ވަގުތު ކަންތައް ހިނގައިދިޔަ ގޮތް މީޑިއާތަކާ ހިއްސާކޮށްފައެވެ.

ދޮށީ އަންހެން ދަރިފުޅު ލެސްލީ ކުޑަކުއްޖާ އުރައިގެން އަހަރެންނާއި ދިމާލަށް ދުއްވައިގަތް. އައިސް ފުރަތަމަވެސް ލެސްލީ ބުނީ ވަރަށް ބޮޑަށް ބަނޑުހައިވެގެން އުޅޭ ވާހަކަ، ޕަބްލިކް ބްރޯޑްކާސްޓް ޗެނަލް އާރްޓީވީސީއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

ދެފިރިހެން ކުދިންގެ ތެރެއިން އެކަކު އޮތީ އޮށޯވެލައިގެން. އަހަރެމެން ފެނުމާއެކު އޭނާ ތެދުވެ މަންމަ މަރުވެއްޖެއޭ ބުނެ ރޮއެމުންދިޔަ. – ނިކޮލަސް އޯޑޯނޭސް ގޯމޭސް ބުންޏެވެ.

އަދި އެކުދިންނަށް އެމީހުން އެތަނަށް ދިޔައީ އާއިލާއިން ފޮނުވައިގެން އެކުދިން ސަލާމަތް ކުރުމަށް ކަމަށްބުނެ ހިތްވަރު ދިނުމަށް މަސައްކަތް ކުރަމުން އެކުދިންގެ ތެރެއިން އެއް ކުއްޖަކު ބްރެޑް ކޮޅަކާއި ސޮސެޖެއް ބޭނުން ކަމަށް ބުނެފައިވާ ކަަމަށްވެސް ނިކޮލަސް ބުނެފައިވެއެވެ.

މި ކުދިންނަކީ ވަކިން ދިރިއުޅޭ ކޮމިއުނިޓީއެއް ކަމަށްވަ ހުއިޓޯޓޯއަށް ނިސްބަތްވާ ކުދިން ކަމަށާއި އެކުދިންގެ ކާފަ ކޮލަމްބިއާގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، 40 ދުވަސް ވަންދެން ޖަންގަލީގެ ތެރޭގައި އެކުދިން ދިރިތިބުމުގެ ސަބަބަކީ އެކުދިންނަށް އެފަދަ ހާލަތްތަކުގައި ކަންތައް ކުރަން ޖެހޭ ގޮތުގެ ކޮންމެވެސް ވަރެއްގެ މައުލޫމާތު ތަކެއް ލިބިފައިވުމުން ކަމަށެވެ.

އެންމެ ދޮށީ ދަރިފުޅު، އުމުރުން 13 އަހަރުގެ ލެސްލީއަށް އޭނާގެ އެއްބަނޑު އެއްބަފާ ކުދިން ސަލާމަތުން ބެލެހެއްޓުމުގެ ހުރިހާވެސް ކްރެޑިޓެއް ވަނީ ލިބިފަ އެވެ.

އެކުދިން ހޯދުމުގެ މަސައްކަތް ކުރި ޓީމުގެ މީހެއް ކަމަށްވާ ހެންރީ ގުރޭރޯ ބުނި ގޮތުގައި އެކުދިން ވަނީ ބޯހިޔާ ކުރުމަށް ކުޑަ ޓެންޓެއް ހަދާފައި ކަމަށާއި، އެކުދިން ގިނަ ވަގުތު ހޭދަކުރީ ކޯރު ކައިރީގައި ކަމަށެވެ. އަދި އެހެން ތަނަކަށް ދިއުމުގެ ކުރިން އަބަދުވެސް ފުޅިއަށް ފެން އަޅައިގެން ދިއުމަށް ސަމާލުކަން ދީފައިވާ ކަމަށެވެެ.

އެކުދިން ސަލާމަތް ކުރުމަށް މަސައްކަތް ކުރި ޓީމުން ބުނެފައިވާ ގޮތުގައި، އެކުދިން އެންމެ ގިނައިން ބުނަމުންދިޔައީ ކާނެ އެއްޗެއް ދިނުމަށް ކަމަށެވެ. ޖަންގަލީގައި 40 ދުވަސް ހޭދަކޮށްފައިވާއިރު ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން އެކުދިން ހިކި އަނަރޫފަވުމުގެ އިތުރުން ސިއްހީ އިތުރު މައްސަލައެއް އެކުދިންގެ ނެތް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ ނިއުޓްރިޝަން އާއި ޑީހައިޑްރޭޝަންގެ ސަބަބުން ކަމަށާއި އެ މީހުންގެ އާއިލާ އާއި ސާޗް އޮޕަރޭޝަންގެ ބައެއް މީހުން ވެސް ވަނީ އެ މީހުންނަށް ޒިޔާރަތްކޮށްފަ އެވެ.

ސަލާމަތްވި ކުދިންގެ ތެރެއިން ކުއްޖަކު ކުރަހާފައިވާ ތަސްވީރެއް

ކޮލަމްބިއާގެ އަސްކަރިއްޔާއިން ވަނީ އެ ކުދިން ހޮސްޕިޓަލްގައި ތިބެ ކުރަހާފައިވާ ބައެެއް ކުރެހުންތައް ޓުވީޓުކޮށްފައެވެ. އޭގެ ތެރެއިން އެއް ކުއްޖަކު ވަނީ އެކުދިން ސަލާމަތް ކުރުމުގައި އެހީތެރިވި ވިލްސަން ކިޔާ ސްނައިޕަރ ކުއްތާއެއް ކުރަހާފައެވެ.

ވިލްސަން އަކީ އެކުދިން ހޯދުމުގެ މަސައްކަތުގައި ބޭނުން ކުރި ކުއްތާއެކެވެ. އެގޮތުން ވިލްސަން ވަނީ އެކުދިން ސަލާމަތް ކުރުމަށް މަސައްކަތް ކުރި މީހުންނާ ވަކިން އެކުދިން ޓްރެކް ކޮށް އެކުދިންނާ އެކު ވަގުތުކޮޅެއް ހޭދަކޮށްފައި ކަމަށް ބެލެވެއެވެ. ނަމަވެސް ފަހުން ވިލްސަން ވަނީ ގެއްލިފައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ކޮލަމްބިއާގެ އަސްކަރިއްޔާއިން ބުނެފައިވާ ގޮތުގައި، އެކުއްތާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް