
އިންޓަ ސްކޫލް ފުޓްބޯޅަ:13 އަހަރުން ދަށުގެ ޗެމްޕިއަންކަން ކަލާފާނު ސްކޫލް ހޯދައިފި!
FB_IMG_1686511471328
13 އަހަރުން ދަށުގެ އިންޓަސްކޫލް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ކަލާފާނު ސްކޫލުން ހޯދައިފިއެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި މިރޭ ގަލޮޅު ދަނޑުގައި ކުޅެވުނު ފޯރިގަދަ ފައިނަލް މެޗު ކަލާފާނު ސްކޫލުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗު ފެށިގެން ފުރަތަަމަ މިނެޓުގައި ކަލާފާނުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން، ހުސެއިން އިލްހާމް އިބްރާހިމް އެވެ. މިއީ އަހުމަދިއްޔާގެ ކީއްޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ފުރަތަަމަ ހާފުގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ފަރާތުން މާ ނުރައްކާތެރި ހަމަލާއެއް ފެނިގެން ގޮސްފައިނުވާއިރު، ކަލާފާނު ލީޑު ފުޅާކުރުމަށް އެޓީމަށް ވަނީ ރަގަޅު ހުސް ފުރުސަތެއް ލިބިފައެވެ. ނަމަވެސް އެޓީމުގެ މުހައްމަދު ވިފާގު ޖާދުﷲ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ކަލާފާން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ކަލާފާނުން އިތުރު ދެ ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ދެވަނަ ލަނޑު ފަހުހާފުގައި ކާމިޔާބުކޮށްދިނީ އިލްހާމް އެވެ. މިއީ އަހުމަދިއްޔާގެ ހާފު މެދެންހާ ހިސާބުން ލިބުނު ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ކީއްޕަރު ކައިރިން ނައްޓާލުމަށް ފަހު ގޯލު ތެރެއަށް ބޯޅަ ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ކަލާފާނުން މި މެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ ފަހުވަގުތު ކޮޅުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މުހައްމަދު ނަޝަމް ނިޔާޒު އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިއަކީ ކަލާފާނުގެ ކެޕްޓަން، އިލްހާމް އެވެ. އެންމެ މޮޅު ކޯޗަކަށް ކަލާފާނުގެ ފަރީދު މުހައްމަދު ހޮވުުނުއިރު، ފެއާޕްލޭ ޓީމަކީ މަޖީދިއްޔާ ސްކޫލް އެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި މި ފަހަރުގެ 13 އަހަރުން ދަށުގެ އިންޓަ ސްކޫލް މުބާރާތުގައި ޖުމްލަ އެކު، 36 ސްކޫލަކުން ވަނީ ވާދަކޮށްފަ އެވެ.