
301355_f595710b-8_
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވާފައިވާ، ކުރީގެ ވަޒީރު ޢަބްދުﷲ ޖަމީލް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުގެ ހިތާމައިގައި، ގައުމީ ހިތާމައިގެ 3 ދުވަސް އިއުލާނުކުރައްވައިފިއެވެ.

އެގޮތުން ޖޫން 12 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 1:00 އިން ފެށިގެން ޖޫން 15 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު، 1:00 އާއި ހަމައަށް، ތިންދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ނިންމަވާފައެވެ.
މި ކަންއިޢުލާންކުރައްވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޖަމީލަކީ، 6 މޭ 1953 އިން ފެށިގެން، 54 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ދިވެހި ދައުލަތަށާއި ދިވެހި ޤައުމަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ.
ޢަބްދުﷲ ޖަމީލް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެމަނިކުފާނުގެ ގެކޮޅު، މ. ދޫރެސްގައެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 87 އަހަރެވެ.