
ދިވެހި ދައުލަތަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރަނީ
178557_54ca0783-6_ (1)
”ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު“ ގެ ނަމުގައި ޤައުމީ ފެންވަރުގެ އިނާމެއް މިއަހަރުގެ ޖުމްހޫރީ ދުވަހުން ފެށިގެން ދެއްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައި، އެކަމުގެ މަޢުލޫމާތު ވަޒީރުންގެ މަޖިލީހާ ޙިއްޞާ ކުރައްވައިފިއެވެ.

”ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު“ އަކީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް، އެބޭފުޅުންގެ ހިދުމަތް އަގުވަޒަން ކޮށްދެއްވުމުގެ ގޮތުން ދެއްވަން ނިންމާފައިވާ އިނާމެކެވެ.
އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މި އިނާމުގެ ތަފްޞީލު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިގޮތުގައި ދައުލަތަށް ވަރަށްދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ގިނަ އަދަދެއްގެ ބޭފުޅުން ތިއްބެވުމާއެކު، އެބޭފުޅުންގެ ޚިދުމަތްތަކަކީވެސް ޤައުމީ ފެންވަރެއްގައި ބަލައިގަނެ، ފާހަގަކުރަންޖެހޭނެ ޚިދުމަތްތަކެއްކަން ފާހަގަކުރެއްވިއެވެ.
މި އަހަރުން ފެށިގެން ޝަރަފުވެރިކަމުގެ ޤައުމީ އިނާމެކޭ އެއްފެންވަރެއްގައި އެރުވޭނެ އިނާމެކެވެ. މި އިނާމް ދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅޭ މިންގަނޑުތަކެއްގެ މަތިން ބަލައި، އެ މިންގަނޑުތަކުގެ މައްޗަށް ރިޢާޔަތް ކުރުމަށްފަހުއެވެ.
މި އިނާމްގެ މަސައްކަތްތައް ޤައުމީ އިނާމާބެހޭ ކޮމިޓީއާ މިހާރު ވަނީ ހަވާލުކުރެވިފައެވެ. އަދި އިނާމު ދިނުމުގެ އުޞޫލު އެކޮމިޓީން ކަނޑައެޅުއްވުމުން، އެ އުޞޫލަށް މިނިސްޓްރީތަކާއި އެހެން މުއައްސަސާތަކުގެ ޚިޔާލު ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.