
ކްލަބްތަކުގެ ފަރިތަކުރުންތައް ވަރަށް އަވަހަށް ފެށިގެންދާނެ - ބައްސާމް
bassam
ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ފަރިތަކުރުންތައް ބޭއްވުމުގެ ހުއްދަ ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

މި ފަރިތަކުރުންތައް ފެށިގެން ދާނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ ( އެޗްޕީއޭ ) ގެ އާ ގައިޑްލައިންތަކާއި އެކުގައެވެ. ލީގު ފެށުމުގެ ގޮތުން އެފްއޭއެމް އަދި ސިއްހީ އިދާރާތަކުގެ އެހީއާއި އެކު ކުލަބްތަކުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ. ރާއްޖޭގެ ލީގު އަލުން ފެށުމަށް މަސައްކަތްކުރަނީ ލީގުގެ ހުރިހާ ކުލަބުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން ޓެކްނިކަލް ސްޓާފުންނަށް ވެކްސިން ދިނުމަށްފަހު އެވެ.
ރާއްޖޭގެ ލީގު ކުއްލިގޮތަކަށް ހުއްޓާލަން ޖެހުނީ މިމަހުގެ 3 ގައެވެ. މި ނިންމުމަށް އަންނަ އަންގާރަ ދުވަހަށް ދެ ހަފުތާ ވާއިރު، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން ލީގު ފެށީވެސް އެޗްޕީއޭއާއި އެފްއޭއެމް ގުޅިގެން ފީފާއާއި އޭއެފްސީގެ މިންގަނޑުތަކަށް އެކުލަވާލި އުސޫލުތައް ހިމަނައިގެންނެވެ. ނަމަވެސް ކުޅުން މެދުކަނޑާލުމަށް ފަހު އަލުން ފެށުމަށް ކުރި މަސައްކަތުން އެޗްޕީއޭއިން އަނެއްކާވެސް އާ އުސޫލެއް އެކުލަވާލުމަށް އެންގިއެވެ.
ކޮވިޑް-19 ގެ ކޭސްތައް މާލެ ސަރަހައްދުގައި ގިނަވާން ފެށުމާއި އެކު އެޗްޕީއޭ އިން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލީ މި މަހު ތިން ވަނަ ދުވަހު އެވެ. މި ފިޔަވަޅާއި އެކު ލީގުގައި ވާދަކުރާ ޓީމްތަކުންނާއި ޓީމްތަކުގެ ކުޅުންތެރިން އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. އަދި ދިވެހި ލީގަކީ އެޗްޕީއޭ އާއި އެފްއޭއެމް މަޝްވަރާކޮށްގެން ހެދި ހާއްސަ ގައިޑްލައިނެއްގެ ތެރެއިން ކުރިއަށްދާ މުބާތާތަކަށް ވީހިނދު އެ މުބާރާތް ކުރިއަށްގެންދަން ފުރުސަތު ދޭން ޓީމުތަކުން ވަނީ އެޗްޕީއޭ ކައިރިން އެދިފަ އެވެ.