
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް އިންޑިއާގެ ޒުވާނަކު ފައިމަގުގައި މައްކާއަށް ކުރި ދަތުރު
New Project (15)
އިންޑިއާގެ ކެރެލާއަށް ނިސްބަތްވާ ފިރިހެނަކު ކެރެލާއިން ފެށިގެން ފައިމަގުގައި މައްކާއަށް ކުރި ދަތުރަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

ކެރެލާގެ މަލަޕޫރަމް ޑިސްޓްރިކްޓްގެ ވަލަންޗެރީއަށް ނިސްބަތްވާ ޝިހާބު ޗޮއްޓޫރު ހައްޖުގެ އަޅުކަން އަދާކުރުމަށް ދަތުރު ފެށީ ޖޫން 2، 2022 ގަ އެވެ. އެތައް ގައުމެއް ހުރަސްކޮށް އޭނާއަށް މައްކާއަށް ދެވުނީ މިމަހުގެ ތެރޭގައެވެ.
ޔޫޓިއުބަރެއް ކަމަށްވާ ޝިހާބު ޗޮއްޓޫރު ވަނީ އޭނާގެ މި ދަތުރުގެ އެންމެ ފަހުގެ މައުލޫމާތު އޭނާގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ބެލުންތެރިންނާ ހިއްސާކޮށްފައެވެ. އެގޮތުން ކެރެލާއން ފެށިގެން އޭނާއަށް މައްކާއަށް ދިއުމަށް 370 ދުވަސް ހޭދަވެފައިވާއިރު، ފައިމަގުގައި އޭޏާ ވަނީ 8،640 ކިލޯމީޓަރުގެ ދިގު ރާސްތާއެއް ކަޑައްތުކޮށްފައެވެ. އޭނާގެ މުޅި ދަތުރު ނިންމާފައިވަނީ ފައިމަގުގައެވެ.
ފައިމަގުގައި ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ޝިހާބު ކުރި ދަތުރުގައި، އިންޑިއާ، ޕާކިސްތާން، އީރާން، އިރާގު އަދު ކުވައިތު ހުރަސްކޮށް މިދިޔަ މެއި މަހު އޭނާ ވަނީ ސައުދީ އަރަބިއްޔާގެ ބޯޑަރު ހުރަސްކޮށްފައެވެ.
ސައޫދީ އަރަބިއްޔާއަށް އެތެރެވުމަށްފަހު ޝިހާބު އެންމެ ފުރަތަމަ ދިޔައީ މުސްލިމުންގެ މުޤައްދަސް ބިމެއް ކަމަށްވާ މަދީނާއަށެވެ. މައްކާއަށް ދިއުމުގެ ކުރިން މަދީނާގައި އޭނާ 21 ދުވަސް ހޭދަކުރިއެވެ.
އެގޮތުން ފައިމަގުގައި މަދީނާއާ މައްކާއާ ދެމެދު ޝިހާބު ވަނީ 440 ކިލޯމީޓަރުގެ ދުރުމިން ނުވަ ދުވަހުގެ ތެރޭގައި ކަނޑައްތުކޮށްފައެވެ. މިހާރު އޭނާ މައްކާގައި ހުރި އިރު، ހައްޖުގެ އަޅުކަން އޭނާ އަދާކުރާނީ އޭނާގެ މަންމަ ޒައިނަބާ އިންޑިއާގެ ކެރެލާއިން މައްކާއަށް އައުމުންނެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށް ޝިހާބު ކުރި ދަތުރު ކާމިޔާބު ކަމާއެކު ނިންމާލެވުނު ނަމަވެސް މި ދަތުރަކީ އޭނާއަށް ބައެއް ދަތިތަކާއި އުނދަގޫތަކެއް ކުރިމަތިވި ދަތުރެކެވެ. އެގޮތުން އޭނާގެ މި ދަތުރުގައި ޕާކިސްތާނަށް އެތެރެވުމުގައި ދަތިތަކަކާ ކުރިމަތިވެ އެތައް ދުވަހަކު ދަތުރު ކުރިއަށް ނުގެންގޮސް މަޑުކުރަން ޖެހުނެވެ.
އެގޮތުން ބޯޑަރު ހުރަސްކޮށް އޭނާ ޕާކިސްތާނަށް އެތެރެވާން އުޅުމުން ޕާކިސްތާނުގެ އިމިގްރޭޝަނުން އޭނާ ހުއްޓުވާފައިވެއެވެ. ސަބަބަކީ ވިސާ ނެތުމެވެ.
އެގޮތުން ޓްރާންސިޓް ވިސާ ހޯދުމަށް ޕާކިސްތާނުގެ ބޯޑަރު ކައިރީ ސަރަހައްދެއް ކަމަށްވާ ވަގާގެ ސްކޫލެއްގައި އެތައް މަހެއް ވަންދެން އޭނާ އިންތިޒާރު ކުރަން ޖެހުނެވެ. ނަމަވެސް މިއަހަރުގެ ފެބްރުއަރީ މަހު އޭނާއަށް ޓްރާންސިޓް ވިސާ ލިބުމާއެކު ޕާކިސްތާނަށް އެތެރެވެވުނެވެ. އަދި މާ ގިނަ ދުވަސްތަކެއް ނުވެ އޭނާގެ ދަތުރު އަލުން ފެށިއެވެ.