
ސިޔާސީ ގޮތުން އަޅުގަނޑު ނުފީނާ ކަނޑެއް ފަޅެއް ނޯންނާނެ - ގާސިމް
DSC_2609
ސިޔާސީ ގޮތުން ރާއްޖޭގައި ނުފީނާ ކަނޑެއް ފަޅެއް ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ރިޔާސީ ޓިކެޓް އެރުވުމަށް މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅޫވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓަކަށް އެމަނިކުފާނު އިސްކުރެއްވުމަކީ އެޕާޓީގެ މެމްބަރުން އެމަނިކުފާނާ ހަވާލުކުރެއްވި ނުހަނު ބޮޑު އަމާނާތަކާއި މަސްއޫލިއްޔަތެއް ކަމަށެވެ.
މިއީ ވަރަށް ބޮޑު އަމާނާތަކާއި މަސްއޫލިއްޔަތެއް. ތިޔަ އިއްޒަތްތެރި މެމްބަރުން އަޅުގަނޑާ ހަވާލުކުރެއްވި އަމާނާތާއި މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކުރައްވާނެ ކަމުގެ ޔަގީންކަން އަރުވަން. - ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، ގައުމު މިއަދު މިއޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށާއި، ގައުމުގެ މިސްރާބު ވަނީ ގެއްލިފައި ކަމަށެވެ. އަދި ގައުމުގެ ދަރަނި މިއަދު މިވަނީ ލޮލަށް ނުފެންނަ ވަރަށް ގެއްލިފައި ކަމަށެވެ. އަދި ރައްޔިތުންނަށް އެތަކެއް ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، ރައްޔިތުން އެދެނީ ގައުމު މިއޮތް ހާލަތުން ބަދަލުކުރެވޭނެ ފަދަ ބޭފުޅަކަށް ގައުމުގެ ހުންގާނު ހަވާލުކުރުމަށް ކަމަށެވެ.
އެހެން ކަމުން ރައްޔިތުންނަށް ލިބެމުންދާ ނިކަމެތިކަމާއި، ތަހައްމަލުކުރަމުންދާ ގެއްލުންތަކުން ސަލާމަތް ކުރުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ޖުމްހޫރީ ޕާޓީއާއި އެމަނިކުފާނު މިއަދު މިނުކުންނެވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ގަދަ އަޒުމަކާއެކީ ކަމަށެވެ.
ގާސިމް އިބްރާހިމްގެ އިތުރުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާނު ކުރައްވާފައިވަނީ، އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްއެންޕީގެ ފަރާތުން މުހައްމަދު ނާޒިމްގެ އިތުރުން އުމަރު ނަސީރެވެ.
އަދި އިދިކޮޅު ކޯލިޝަންގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ކުރިމަތި ލައްވާނެ ކަމަށް އިއުލާނުކޮށްފައިވީ ނަމަވެސް، ކޮރަޕްޝަނާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއްގައި މިވަގުތު ހުރުމުން އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިވަގުތު ވަނީ ގެއްލިފައެވެ.