މުޅި ގައުމު އެދި ގޮވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ފަދަ އިޙްސާންތެރި، އޯގާތެރި، ހިތްހެޔޮ ވެރިއަކަށް ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ، މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ދެވަނަ ދައުރަކަށް އިންތިޚާބުކުރެއްވުމަށްޓަކައި އެމްޑީޕީ އިން، ހދ. މަކުނުދޫ ދާއިރާގެ ރިޔާސީ ކެމްޕެއިން ޓީމާ ބައްދަލުވުމެއް ބާއްވާފައިވާކަން ހާމަކުރައްވަމުން ކުރެއްވި ޓުވީޓެއްގައެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިޢުލާންކޮށްފައިވަނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމް.އެން.ޕީގެ ރައީސް މުޙައްމަދު ނާޒިމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ފަރާތުން އެޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމްއެވެ.
އޭގެ އިތުރުން އެމްޑީޕީން ވަކިވި ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން މިހާރު އުފައްދަން މަސައްކަތް ކުރަމުންގެންދާ "ދަ ޑިމޮކްރެޓްސް" އިންވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ވަނީ އިއުލާނު ކޮށްފައެވެ. ނަމަވެސް އެ ޕާޓީގެ ފަރާތުން ވާދަކުރައްވާނެ ވަކި ބޭފުޅެއް މިހާތަނަށް އިއުލާނުކޮށްފައިނުވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުއްވާފައިވާ ޓައިމްލައިންގައިވާގޮތުން ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓުންގެ ގޮތުގައި ވާދަކުރުމަށް ހުޅުވާލާނީ 23 ޖުލައިން 3 އޯގަސްޓުގެ ނިޔަލަށެވެ. އަދި ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް 9 އޯގަސްޓްގައި އިޢުލާންކުރާނެއެވެ. ކެންޑިޑޭޓުން ކެމްޕެއިން ކުރުމަށް 10 އޯގަސްޓުން ފެށިގެން 8 ސެޕްޓެމްބަރާ ހަމައަށް ފުރުޞަތު ދެއްވުމަށްވެސް ކޮމިޝަނުން ވަނީ ނިންމަވައިފައެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި 280،000 އަށްވުރެ ގިނަ މީހުންނަށް ވޯޓުމުގެ ހައްގު ލިބިފައިވެއެވެ.