
FyF3TaAakAMqEgN
އަމީނީ މަގުގެ ތާރުއަޅައި ނިމުނު ބައިތަކުގައި ގަސް އިންދުމުގެ މަސައްކަތް އާރުޑީސީން ފަށައިފި އެވެ.

އަމީނީ މަގުގައި ތާރު އެޅި މަގުގައި ގަސް އިންދާފައިވަނީ އެކަމަށްޓަކައި މިއަދު ހެނދުނު އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ) އެވެ.
ތާރު އެޅި މަގުގައި ގަސް އިންދުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން މޫކޭ ވިދާޅުވީ، މަގު ހަދަން ކޮންމެހެން ނަގަންޖެހޭ ގަސް ނަގާފައިވާ ކަމަށާއި، އަދި ޖާގަ ލިބޭ މިންވަރަކުން މަގުގައި ގަސް އިންދަމުންދާ ކަމަށެވެ. އަދި މިގަސްތަކަކީ ނާސަރީގައި ހައްދާފައިވާ އެމަގާ ގުޅޭނެ ރަނގަޅު ގަސްތަކެއް ކަމަށް މުކޭ ވިދާޅުވި އެވެ.
އަމީނީމަގުގައި އެންމެ ފަހު ތާރުއަޅައި ނިންމާލީ 4،5،6 ގައެވެ. މިބައިތަކުގައި ޓްރެފިކް ނިޝާންތައް ކުރަހައި، ނިމޭވަރަކުން އާއްމުންނަށް ހުޅުވާލާނެ ކަމަށް އާރުޑީސީން ވަނީ ބުނެފައެވެ.
އަމީނީ މަގު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 84 މިލިއަން ރުފިޔާއަށް 210 ދުވަހުން ނިންމުމަށެވެ.