
އިނގިރޭސިވިލާތާއެކު ފްރީޓްރޭޑް އެއްބަސްވުން ގާއިމްކުރެވުމުން މަހަށް ރަނގަޅު އަގު ހޯދުމަށް މަގުފަހިވެގެން ދާނެ
fayyaz
އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލެވުމުން ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ މަހަށް ރަނގަޅު އަގެއް ހޯދުމަށް މަގުފަހިވެގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމައިލް ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖެއާ އިނގިރޭސިވިލާތާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އެއްގައި ސޮއި ކުރުމަށްޓަކައި އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ފެށުމަށް ނިންމާ އިނގިރޭސިވިލާތުން ވަނީ އެކަން އިއުލާނުކޮށްފައެވެ.
އެކަމަށް މަރުހަބާކިޔައި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމައިލް ވިދާޅުވީ، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ނެގޯޝިއޭޓް ކުރުމުގެ މަރުޙަލާ ފެށިގެންދިޔުމަކީ ރާއްޖޭގެ އިޤްތިސާދީ ކުރިމަގަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. މިކަމުގައި ބައިވެރިވި އިކޮނޮމިކް މިނިސްޓްރީ އަދި ފޮރިން މިނިސްޓްރީގެ ޓީމަށް މިނިސްޓަރު ފައްޔާޒް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ، އިނގިރޭސިވިލާތަށް ޑިއުޓީއަކާ ނުލާ ދިވެހި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރެވޭނެ މަގުފަހިކުރުމަށް ފަހުގެ ތާރީހުގައި އެޅުނު އެންމެ މުހިންމު ފިޔަވަޅު ކަމަށެވެ.
ރައީސް އޮފީހުން ބުނެފައިވަނީ މި މަޝްވަރާ ތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެއިން އިގިރޭސިވިލާތަށް އެކްސްޕޯޓް ކުރާ މަހުގެ ޓެކްސްގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.