
ބައިވެރިޔާއަށްވުރެ 90 މިނެޓު ކުރިން ނިދުމަކީ ކައިވެނި ސަލާމަތްވާނެ ކަމެއް
Sleep
ދެމަފިރިން ވަކިން ނިދުމަކީ ގުޅުން ބަދަހިވެ އެތަކެއް ފައިދާތަކެއް ކުރާ ކަމެއް ކަމަށް ބައެއް ބައިވެރިން ބުނެއެވެ. ނަމަވެސް ބައިވެރިޔާއަށްވުރެ ކުރިން ނިދުމަކީ ދުޅަހެޔޮ ގުޅުމެއްގެ ތަޅުދަނޑި ކަމަށް ބައެއް ތަޖުރިބާކާރުން ބުނެއެވެ.

އިނގިރޭސިވިލާތުގެ މެޓްރެސް އުފައްދާ ކުންފުންޏެއް ކަމަށްވާ "ޑްރީމް" އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ދެމަފިރިން ވަކި އެނދެއްގައި ނިދާނަމަ ގުޅުން އިތުރަށް ބަދަހިވެ އޭގެ ސަބަބުން އެތަކެއް ފައިދާތަކެއް ކުރެއެވެ. ދިރާސާގެ 50% އިންސައްތަ ބައިވެރިން ފާހަގަކޮށްފައިވާ ގޮތުގައި، ބައިވެރިޔާގެ ސަބަބުން އެމީހުންނަށް ހަމަ ނިދި ލިބުމުން މަހްރޫމްވެއެވެ.
15،000 އަށްވުރެ ގިނަ މީހުން ބައިވެރިވި މި ދިރާސާގެ ބައިވެރިވި މީހުންގެ ތެރެއިން 27 އިންސައްތަ މީހުން ބުނެފައިވާ ގޮތުގައި، އެކަނި ނިދާއިރު ރަނގަޅަށް ނިދޭ ކަމަށާއި، ރޭގަނޑުގެ ނިދި ރަނގަޅު ކުރުމަށްޓަކައި ބައިވެރިޔާއާ ވަކިން އެނދެއް ހޯދުމަށް އޭގެ ތެރެއިން 8 އިންސައްތަ މީހުން ވިސްނާފައިވާ ކަމަށެވެ.
ދިރާސާގެ ބައިވެރިންގެ ތެރެއިން 55 އިންސައްތަ މީހުން ހާމަކޮށްފައިވާ ގޮތުގައި، ބައިވެރިޔާއާ އެކު އެނދު ހިއްސާކޮށް ނިދާއިރު ބައިވެރިޔާ ގުގުރި ދެމުމަކީ ހަމަ ނިދި ލިބުމަށް އުނދަގޫވެގެންދާ ކަމެއް ކަމަށެވެ.
"ޑްރީމްސް" ގެ ސްލީޕް އެކްސްޕާޓް ބުނި ގޮތުގައި، ހަމަ ނިދި ނުލިބުމާއި އެކަމުގެ ސަބަބުން ދިމާވާ ސްޓްރެސްގެ ސަބަބުން ދެމަފިރިންނާއި ގޭތެރޭގެ އާންމު ދިރިއުޅުމަށް ވަރަށް ބޮޑު އަސަރުތަކެއް ކުރާ ކަމަށެވެ.
ޑްރީމްސްގެ ސްލީޕް އެކްސްޕާޓް ސެމީ މާގޯ ބުނި ގޮތުގައި ވަރުބަލިވެ ނުވަތަ ސްޓްރެސްވުމުގެ ސަބަބުން ބައެއް މީހުން ބައިވެރިޔާއާ ނޫނީ އެހެންވެސް އެކުގައި އުޅޭ މީހުންނާ ޒުވާބުކޮށް އަރައިރުންވާ ކަން އިތުރުވާ ކަމަށެވެ. ސެމީ މާގޯ ބުނެފައިވާ ގޮތުގައި، ރަނގަޅަށް ނުނިދުމުގެ ސަބަބުން ސްޓްރެސް ވެފައި ހުންނައިރު، މިސްކޮމިއުނިކޭޝަންސް އާއި މިސްއަންޑަސްޓޭންޑިންގ އުފެދުމަކީ ވަރަށް އާންމު ކަމެއް ކަމަށެވެ.
އެ ދިރާސާގައި ބުނެފައިވާ ގޮތުގައި، މިފަދަ ކަންތައް އިހުސާސް ކުރެވޭ ނަމަ އެކަމަށް ހައްލެއް އެބައޮތެވެ. އެއީ ބައިވެރިޔާއަށްވުރެ ގާތްގަނޑަކަށް 90 މިނެޓު ކުރިން ނުވަތަ ފަހުން ނިދުމެވެ.
މާގޯ ބުނެފައިވާ ގޮތުގައި، 90 މެނެޓަކީ ބައިވެރިޔާއަށްވުރެ ކުރިން ނުވަތަ ފަހުން ނިދުމަށް އޮންނަ "އެންމެ ރަނގަޅު ވަގުތު" ކަމަށާއި، އޭގެ ސަބަބުން ދެމީހުންގެ ނިންޖަށްވެސް އެކަމުގެ ރަނގަޅު އަސަރުތައް ކުރާ ކަމަށެވެ.
އަދި އެކަމުގެ ސަބަބުން، ބައިވެރިޔާއާ އެއް އެނދެއްގައި ނިދުމުގެ އުފަލާއި ގާތްކަމުގެ ފައިދާ، ކައިރީގައި ނިދަން އުނދަގޫވުމުގެ މާޔޫސްކަން ނެތިވެ ލިބިގެންދާނެ ކަމަށްވެސް މާގޯ ބުނެފައިވެއެވެ.