
އޮފިސަރުންނަށް ބިރުދައްކައި އިންޒާރުދޭނަމަ ފިޔަވަޅު އަޅާނަން - ކަރެކްޝަންސް
Maldives-Correctional-Service1
މޯލްޑިވްސް ކަރެކްޝަނަލް ސަރިވިސް ގެ މުވައްޒަފުންނާއި އޮފިސަރުންނަށް ބިރުދައްކައި އިންޒާރުދޭނަމަ ފިޔަވަޅު އަޅާނެ ކަމަށް އެ ސަރވިސްއިން ވިދާޅުވެއްޖެއެވެ.

އެ ސަރވިސްއިން މިހެން ވިދާޅުވެފައިމިވަނީ، މި ފަހަކަށް އައިސް އެ ސަރިވިސްގެ އޮފިސަރުންނާއި މުވައްޒަފުންގެ މައުލޫމާތާއި ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކޮށް، ސައްހަނޫން ތުހުމަތުތަކާއެކު ބަދުނާމްކުރާ ފަދަ އިބާރާތް ބޭނުންކޮށް، ބިރު ދައްކައި އިންޒާރުދެމުންދާ މައްސަލައިގައެވެ.
އެގޮތުން އެ ސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުންނާ ގުޅޭ ސައްހަ ނޫން އެފަދަ މައުލޫމާތު ފެތުރުމުގެ ސަބަބުން، އޮފިސަރުންނާއި މުވައްޒަފުންގެ ގާނޫނީ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގެ ގޮތުން ކުރާ މަސައްކަތާމެދު އާންމުންގެ މެދުގައި ނަފްރަތު އުފެދޭ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ހަމަ އެއާއެކު ، އެކަމުގެ ސަބަބުން އެ ސަރވިސްގެ އޮފިސަރުންނަށާއި، މުވައްޒަފުންނަށް ނުރައްކާތެރިކަން އިހްސާސްކުރެވޭ ކަންވެސް އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެ ސަރވިސްއިން ވަނީ އެފަދަ އަމަލުތައް ކުށްވެރިކޮށްފައެވެ. އެގޮތުން އެފަދަ އަމަލުތައް ނުކުރުމަށާއި، ތަކުރާރުވަމުންދާނަމަ އެފަދަ އަމަލު ހިންގާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެ ކަމަށްވެސް އެސަރވިސްއިން ވިދާޅުވިއެވެ.