
މިރޭ ބާއްވާ އެއްވުމުގައި ގާނޫނާ ހިލާފު އަމަލު ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވޭ- ފުލުހުން
capture-235
ރާއްޖެ އާއި މޮރިޝަސްއާ ދެމެދުގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ބެހި ގޮތުން ގެއްލުންވީ ރާއްޖެ އަށް ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ސަރުކާރާ އިދެކޮޅު ފަރާތްތަކުން މިރޭ ކާނިވަލުގައި ބާއްވާ އެއްވުމުގައި ގާނޫނާ ހިލާފު އަމަލު ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިރޭގެ އެއްވުމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ސިޔާސީ ބައެއް ފަރާތްތައް އެއްވެގެން މިރޭ ބާއްވާ އެއްވުން ގާނޫނާ އެއްގޮތަށް ސުލްހަވެރިކަމާއެކު ހިންގަމުންދާ ހަރަކާތްތަކަށް ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަމާއި، އެފަދަ ހަރަކާތްތައް ހިންގާ ސަރަހައްދުތަކުގެ މަގުތަކާއި އެނޫންވެސް ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އިންތިޒާމަތައް ހަމަޖެއްސުމަކީ ފުލުހުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ.
އަދިމިރޭގެ އެއްވުމަށް އެހެން ރަށްރަށުން ވެސް މީހުން މާލެއަށް އަންނަ ކަމަށާއި ބައެއް މީހުން ގާނޫނާ ހިލާފު އަމަލުތައް ކުރުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންކަމުން، އެ ހަރަކާތުގައި އާންމު ސުލްހަ އަށް ބުރޫއަރާނެ އެއްވެސް ކަމެއް ނުކުރުމަށާއި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތިން ކުރިއަށް ގެންދިއުމަށާއި ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުކުރުމަށް ފުލުހުންގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖޭގެ ދެކުނު މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ މައްސަލާގައި ދެ ގައުމުން ހިޔާލު ތަފާތުވުމުން، އިޓްލޮސް އިން ނިންމީ ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް އަދި މޮރިޝަސް އަށް 45،331 އަކަކިލޯ މީޓަރުގެ ސަރަހައްދެއް ދޭށެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ. އެކަމަކު އެގޮތަށް ދިމާވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެން ކަމަށް ބުނެ އިދިކޮޅުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
މިއާއިއެކު ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވަނީ ފޯޅަވަހި ކޯލިޝަންގެ ނަމުގައި އިއްތިހާދެއް އުފައްދައި އެކަމާއި ދެކޮޅަށް އަޑުއުފުލުމަށް ހަރަކާތްތަށް ބޭއްވުމަށް ނިންމާފައެވެ. މިރޭ ކާނިވަލުގައި އޮންނަ އެއްވުމަކީ އެހަރަކާތްތަކުގެ ތެރެއިން ބާއްވާ ބޮޑު ހަރަކާތެވެ. މި ހަރަކާތުގައި ފޯޅަވަހި ކޯލިޝަންގައި ހިމެނޭ ޕީޕީއެމްއާއި ޕީއެންސީއާއި އެމްއެންޕީ އާއި ރައީސް ނަޝީދު އިސްވެ އުފެއްދި ދަ ޑިމޮކްރެޓްސް ހިމެނެއެވެ. އަދި މި ކޯލިޝަންގައި ޖުމްހޫރީ ޕާޓީ ހިމެނޭ ނަމަވެސް އެޕާޓީގެ ލީޑަރުވަނީ މިރޭގެ އެއްވުމުގައި އެޕާޓީގެ ބޭފުޅުން ބައިވެރިވެވަޑައިނުގަތުމަށް އެދިވަޑައިގެންފައެވެ.