logoEN
ޕީއެންސީ 2
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު، ވައި ގަދަވެ ކަނޑުތައް ގަދަވާނެ

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު، ވައި ގަދަވެ ކަނޑުތައް ގަދަވާނެ

އައިޝަތު އިފާޝާ

logo

6/2/2023, 10:39:27 AM

White Alert

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ނެރެފައިވާ ހުދު ސަމާލުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޝަރީ 2024

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ، ހއ އަތޮޅުން ފެށިގެން ލާމު އަތޮޅާ ހަމައަށެވެ. އެގޮތުން މިސަރަހައްދުތަކަށް މިއަދު ހެނދުނު 11:00 އިން ފެށިގެން ހަވީރު 17:00 އާ ހަމައަށް ހުދު ސަމާލު ވަނީ ނެރެފައެވެ.

މި މުއްދަތުގެ ތެރޭގައި އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލުގެ ބާރުމިނުގައި ވައިޖުން، އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފައިވެއެވެ.

އެ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައިވާއިރު، މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން، މިއަދާއި މާދަމާ، ހާއްސަކޮށް އުތުރާއި މެދުރާއްޖެ ތެރޭ ސަރަހައްދުގައި އާންމު ވައިބާރުވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވެއެވެ.

އެހެންކަމުން، ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް އެއިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ ހުޅަނގު މޫސުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިދިޔަ މެއި މަހުގެ 3 ވަނަ ދުވަހު ފެށިފައިވާއިރު، އުތުރުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށިފައިވަނީ 4 ވަނަ ދުވަހުއެވެ.

ދިވެހިރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން ދެމިއޮންނާނީ މީލާދީ ގޮތުން ބަލާއިރު ގާތްގަނޑަކަށް ޖަނަވަރީ މަހުން ފެށިގެން މާރިޗު މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުން ދެމިއޮންނާނީ މެއި މަހުން ފެށިގެން ގާތްގަނޑަކަށް ނޮވެންބަރު މަހުގެ ނިޔަލަށެވެ.

ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މޭމަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފަށައެވެ. އަދި އޭގެ ފަހުން ހުޅަނގު މޫސުމުގެ އަސަރު މެދުރާއްޖެތެރެއަށް ފޯރައި، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެންދެއެވެ.

ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑަކީ، 1 މެއި ގެ ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އެއަށްވުރެ އިތުރަށް ވާރޭ ވެހުމެވެ. އަދި މިހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުމެވެ.

އަދި ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި ގަޑިއަކު، 10 ނޯޓިކަލް މޭލަށްވުރެ ބާރުމިނުގައި ވައިޖެހި، އެ ހާލަތު ވިދިވިދިގެން 2 ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ