
ވޯލްޑް ސާފިން ގޭމްސްގެ ދެވަނަ ބުރުން ރާއްޖޭގެ އައްމަޑޭ ޖާގަހޯދައިފި!
FB_IMG_1685620932432
އެލް ސަލްވަޑޯގައި މެއި 30 އިން ފެށިގެން ޖޫން 07 އަށް ކުރިއަށްދާ ވޯލްޑް ސާފިން ގޭމްސްގައި ރާއްޖޭގެ ގައުމީ ޓީމުގެ އަހުމަދު އާގިލް (އައްމަޑޭ) ވާދަކުރި ހީޓުގެ ދެ ވަނަ ހޯދައި މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

މެދުތެރޭ އެމެރިކާގެ އެލްސަލްވަޑޯގައި ކުރިއަށްދާ މުބާރާތުގައި ދުނިޔޭގެ 64 ގައުމަކުން 294 ސާފަރުން ބައިވެރިވެފައިވެ. މި މުބާރާތުގައި ރާއްޖެއިން ވާދަކުރަނީ އަހުމަދު އަގީލްގެ އިތުރުން، ހޫދު އަހުމަދު އަދި އިސްމާއިލް ރަޝީދު (ސްމައިލީ) އެވެ.
އިއްޔެ ކުރިއަށްދިޔަ މެންސް އޯޕަން ބައިގެ ހީޓު 11 ގައި ވާދަކޮށް އައްމަޑޭ ދިޔައީ ދެ ވަނަ އަށެވެ. އޭނާ ވަނީ 6.36 ގެ ސްކޯއެއް ހޯދައިފަ އެވެ. އޭނާ އެންމެ މަތިން ސްކޯ ކުރި ރާާޅަށް ލިބުނީ 3.43 އެވެ. އަނެއް ރާޅަށް ލިބުނީ 2.93 އެވެ. މި ހީޓުން އެއް ވަނަ ހޯދީ 16.34 ގެ ސްކޯއެއް ހޯދި މެކްސިކޯގެ ސެބަސްޓިއަން ހެނާންޑޭޒް އެވެ.
ހީޓުގެ ތިން ވަނަ ލިބުނީ 6.10 ގެ ސްކޯއެއް ހޯދި ނެދަލެންޑްސްގެ ކެސްޕާ ހަމިންގާ އަށެވެ. ހަތަރު ވަނަ އަށް ދިޔައީ 3.97ގެ ސްކޯއެއް ހޯދި އިންޑިއާގެ ސިވަރާޖް ބާބޫ އެވެ.
ފުރަތަމަ ބުރުގެ ކޮންމެ ހީޓެއްގެ ވެސް އެއްވަނަ އަދި ދެވަނަ ދެ ވަނަ ބުރަށް ކޮލިފައިވާއިރު، އަނެއް ދެ ބައިވެރިން ދާނީ ރެޕޯ ހީޓަށެވެ.
ހީޓުގެ ދެ ވަނަ ހޯދި އައްމަޑޭ ދެ ވަނަ ބުރުގެ ހީޓު ހަޔެއްގައި ވާދަކުރަންޖެހެނީ ކޮސްޓަރިކާގެ ކާލޯސް މުނޯޒް، އަޔަލެންޑްގެ ޖެކް ސްކޮޓްގެ އިތުރުން ބްރެޒިލްގެ ގެބްރިއެލް މެދީނާއާ ދެކޮޅަށެވެ.
މުބާރާތުގައި ވާދަކުރާ ދިވެހި ސާފަރުންގެ ތެރެއިން ހޫދު އާއި ސްމައިލީ ފުރަތަމަ ބުރުގައި ވާދަކުރާ ހީޓުތައް ކުރިއަށްދާނީ މިރޭ އެވެ. ފުރަތަމަ ބުރުގެ 39 ވަނަ ހީޓުގައި ހޫދު ނުކުންނާނީ މެކްސިކޯގެ ޖޮނަތަން ކޯޒޯ އާއި ނެދަލެންޑްސްގެ ޓޮމް ބޮއެލްސްމާ އަދި އިންޑިއާގެ އަޖީޝް އަލީ އާ ދެކޮޅަށެވެ.
ފުރަތަމަ ބުރުގެ ހީޓު 43 ގައި ސްމައިލީ ނިކުންނާނީ މެކްސިކޯގެ އެލަން ކްލީލެންޑް އާއި ނެދަލެންޑްސްގެ ބޭރިކް ޑިވްރީސް އާއި އިންޑިއާގެ ރަމޭޝް ބުޑިހާލް އާ ދެކޮޅަށެވެ.