
289588_3_f783459527d0d129d091907907e00113baefadfa_large
ސްޓޫޑެންޓް ލޯނުގެ ތެރެއިން ޕައިލެޓްކަން ކިޔެވުމަށް ގިނަ ފުރުސަތުތަކެއް ލިބިގެން ދާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ސްޓޫޑެންޓް ލޯނަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ހުރުހާ ފަރާތްތަކަށް ލޯނު ދޫކުރުމަށް ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުުމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ވަނީ ލޯނާ ގުޅޭ އިތުރު ތަފްސީލްތައް ދެއްވާފައެވެ.
މިނިސްޓަރ ވިދާޅުވީ، ސަރުކާރުން ނިންމި ނިންމުމާއެކު، 479 ކުދިންނަށް ޕައިލެޓްކަން ކިޔެވުމަށް ލޯނު ދޫކުރެވިގެންދާނެ ކަމަށެވެ. މިއީ ރެކޯޑް މިންވަރެއްކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވި އެވެ. މީގެ ކުރިން ސްޓޫޑެންޓު ލޯނު ނަގާފައިވާ 24 ފަރާތަކަށް ޓޮޕްއަޕް ލޯނުގެ ގޮތުގައި މިފަހަރު ލޯނު ދެވިގެން ދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލި ލޯނު ފުރުސަތަށް 1،507 ދަރިވަރުން ކުރިމަތިލާފައިވާއިރު މިނިސްޓްރީން ކުރި އިއުލާންގައި ވަނީ 720 ދަރިވަރުންނަށް ލޯން ދޭ ގޮތަށެވެ.
ލޯނު ފުރުސަތު ލިބޭ ވަގުތީ ލިސްޓު މިއަދު އާއްމުކުރާއިރު، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 11 ޖޫން އާ ހަމައަށް ހުޅުވާލާފައި އޮންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދާއިމީ ނަތިޖާ އިއުލާނު ކުރާނީ ޝަކުވާއަށް ފުރުސަތު ދިނުމަށްފަހު ޖޫން 22 ގައި ކަމަސް މިނިސްޓަރ ވިދާޅުވި އެވެ.
ލޯން ފުރުސަތު ލިބޭ ކުދިންގެ ދާއިމީ ނަތީޖާ އަޕްލޯޑް ކުރާނީ ޕޯޓަލްއަށް ކަމަށް މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ.