
ChatGPT
ބީއެމްއެލް އިން އާޓިފިޝިލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ ޗެޓް ބޮޓް، "ޗެޓްޖީޕީޓީ" އަށް ފައިސާ ދެއްކުން ބްލޮކް ކޮށްފި އެވެ.

އެ ބޭންކުން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ، ޗެޓްޖީޕީޓީ އިން ކަސްޓަމަރުންގެ ޒާތީ މައުލޫމާތުތައް ލީކްވުން ފެންމަތިވެފައިވާ ކަމަށާއި އެ ވެބްސައިޓަށް ބީއެމްއެލް މެދުވެރިކޮށް ޓްރާންސެކްޝަން ހިންގުން ވަގުތީ ގޮތުން ބްލޮކް ކޮށްފައިވާ ކަމަށެވެ.
ކަސްޓަމަރުންގެ ޒާތީ މައުލޫމާތުތައް ލީކުވުމުގެ ސަބަބުން، ގިނަ ކަސްޓަމަރުންނަށް އޭގެ ގެއްލުން ކުރިމަތިވާ ކަމަށާއި ބީއެމްއެލް އިން އެންމެ ބޮޑު އިސްކަމެއްދެނީ ކަސްޓަމަރުންގެ މައުލޫމާތުގެ ރައްކާތެރިކަން ހިފެހެއްޓުމަށް ކަމަށް ބީއެމްއެލް އިން ކުރި ޓުވީޓުގައި ބުންޏެވެ.
މިދިޔަ ހޯމަ ދުވަހު، ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސް ހިމެނޭ ބައެއް ވެބްސައިޓުތަކުން، ކަސްޓަމަރުންގެ ކާޑުތަކުގެ މައުލޫމާތު ލީކުވުމުގެ މައްސަލަތައް ފެންމަތިވަމުންދާ ކަމަށާއި، އެފަދަ މައްސަލަތައް ބެލުމަށް ފަހު، އެ ވެބްސަައިޓުތަކުން ބީއެމްއެލްގެ ކާޑުތަކަށް ބޭނުން ނުކުރެވޭ ގޮތް ހަދާނެ ކަމަށެވެ.
އަދި އެފަދަ ފިޔަވަޅުތައް އަޅަނީ، ކަސްޓަމަރުންގެ މާލީ މައުލޫމާތުތައް ރައްކާތެރިކުރުމުގެ ބޭނުމުގައި ކަމަށް ވިދާޅުވި އެވެ.