
ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ބޯޓެއް އަޑިއަށް ގޮސް، ތިން މީހަކު މަރުވެއްޖެ
_129896220_lakemaggiore.jpg copy
އިޓަލީގެ އުތުރުގައި އޮންނަ ލޭކް މެގިއޯރުގައި ފަތުރުވެރިން ހިމެނޭހެން ގިނަ ފަސިންޖަރުން ގޮވައިގެން ދަތުރުކުރި ބޯޓެއް ގަދަ ވަޔާއެކު އަޑިއަށް ގޮސް ތިން މީހަކު މަރުވެއްޖެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ހާދިސާގައި ތިން މީހަކު މަރުވެފައިވާއިރު، އެކަކު ގެއްލިގެން އަދިވެސް ދަނީ ހޯދަމުންނެވެ. އިޓަލީގެ މީޑިއާތަކުން ބުނި ގޮތުގައި ބޯޓު ފުރޮޅާލީ އާދީއްތަ ދުވަހުގެ ރޭ ސެސްޓޯ ކެލެންޑޭ އާއި އަރޯރާ އަވަށުގެ ދެމެދަށެވެ.
އިޓަލީގެ ފަޔަރ ސަރވިސްއިން ބުނީ މި ހާދިސާގައި 19 މީހަކު ސަލާމަތް ކުރެވިފައިވާ ކަމަށާއި ނަމަވެސް ގެއްލުނު ކަމަށް ރިޕޯޓްކޮށްފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި ފަސް މީހަކު ސަލާމަތްކުރުމަށްފަހު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އިޓަލީގެ ބައެއް މީޑީއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ބޯޓުން ދަތުރުކުރީ، އިނގިރޭސިވިލާތާއި އިޓަލީ އަދި އިސްރާއީލުގެ ފަތުރުވެރިންނެވެ.