
ތިނަދޫ މަގުތަކަކީ އަމާން ތަނަކަށް ހެދުމުގެ މަަސައްކަތް ކައުންސިލުން ދަނީ ކުރަމުން - ތިނަދޫ ރައީސް
GMG_5587
ގދ. ތިނަދޫ މަގުތަކަކީ އަމާން ތަނަކަށް ހެދުމަށް ކުރަން ޖެހޭ މަސައްްކަތްތައް ކައުންސިލުން ކުރަމުން އަންނަ ކަމަށް ތިނަދޫ ކައުންސިލް ރައީސް ސައުދު އަލީ ވިދާޅުވެއްޖެ އެވެ.

ސައުދު މިހެން ވިދާޅުވީ، ތިނަދޫ މަގުތަކުގައި ތާރު އެޅުމުގެ ރަސްމިއްޔާތަށް ފަހު "ގާފު އޮންލައިން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.
ސައުދު ވިދާޅުވީ، ތިނަދޫ ކައުންސިލުން މަސައްކަތް ކުރަމުން އަންނަނީ، ތިނަދޫގައި ތާރު އެޅިފައިވާ މަގުތަކާއި، މިހާރު ތާރު އަޅަމުން އަންނަ މަގުތަކަކީ އަމާން ތަނަކަށް ހެދުމަށް ޓްރާންސްޕޯޓް ގަވާއިދާ އެއްގޮތަށް މަގުމަތީ ނިޝާންތައް ހަރުކުރުމަށް ކަމަށެވެ.
"ފުލުހުންގެ ލަފާއާއި އިރުޝާދާ އެކީ ކައުންސިލުން މަސައްކަތްކުރާނީ ޓްރެފިކް ނިޝާންތައް ހަރުކުރުމާއި، ޕާކްކުރާނެ ތަންތަން ކަނޑައެޅުމަށް. މިކަންކަން މިހާރުވެސް ކައުންސިލުން އޮތީ ޕްލޭންކޮށްފައި" - ސައުދު އަލީ
ސައުދު އިތުރަށް ވިދާޅުވީ، ތިނަދޫ މަގު ހެދުމުގެ މަސައްކަތް ކުރަމުން ދިޔައިރު، ގިނަ ޝަކުވާތަކެއް ކައުންސިލަށް ލިބުނު ކަމަށާއި، ޕްރޮޖެކްޓް ހުއްޓުވުމަށްވެސް ސިޔާސީ މަގުސަދެއްގައި ނަމަވެސް މަދު ބަޔަކު މަސައްކަތްކޮށްފައިވާ ކަމަށެވެ.
ސައުދު ވިދާޅުވީ، ކައުންސިލުގެ އަބަދުވެސް އަމާޒަކީ ތިނަދޫގައި ހިންގާ އެކި އެކި ޕްރޮޖެކްޓްތައް ކާމިޔާބުކަމާއެކު އަވަހަށް ނިންމާލެވޭނެ ފޯމިއުލާއެއް ހޯދުން ކަމަށާއި އެކަން ކުރުމުގައި އަބަދުވެސް ތިނަދޫ ކައުންސިލް އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ.
"ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތައް ހައްލުކުރުމަށްޓަކައި ކައުންސިލުން އަބަދުވެސް ސަރުކާރާއި ކްންޓްރެކްޓަރާއި މަޝްވަރާކޮށްގެން ހައްލު ހޯދުމަށް މަސައްކުރަން" - ސައުދު އަލީ
ސައުދު ވިދާޅުވީ، ތިނަދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަސް އޮތް ދެމަހެއްހާ ދުވަސްތެރޭގައި ނިމިގެން ދާއިރު، ތިނަދޫ މަގުތައް ބޭނުންކުރާ ހުރިހާ ރައްޔިތުންނަށްވެސް މިހާރު ދިމާވެފައިވާ ދަތި އުނދަގޫތަކަށް ހައްލެއް ލިބިގެން ދާނެ ކަމަށެވެ.
ތިނަދޫ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ތެރެއިން މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް އިއްޔެ ފަށާފައިވާއިރު، އާރުޑީސީން ބުނެފައިވަނީ ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަސްތެރޭގައި ތިނަދޫ މަގުތަކުގައި ތާރުއަޅައި ނިންމާ އައްމުކޮށް ހުޅުވާލެވޭނެ ކަމަށެވެ.
މަގު ހެދުމުގެ ދެވަނަ ފިޔަވަހީގައި ތިނަދޫގައި ބޮޑު 14 މަގެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައިއެވެ. އެގޮތުން މި މަގުތަށް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ފެން ބޮޑުވާ މައްސަލައަށް ޒަމާނީ އަދި ދާއިމީ ހައްލެއް ލިބޭނެ ގޮތަކަށެވެ. މި މަޝްރޫއުގައި ޖުމުލަ 6.5 ކިލޯމީޓަރުގެ މަގު ތަރައްޤީކުރުމަށް ވަނީ ނިންމާފައި އެވެ.
މި މަޝްރޫއު އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 78 މިލިއަން ރުފިޔާއަށެވެ.