
Maldivian-at-Kulhudhuffushi-Airport
ހދ. ކުޅުދުއްފުށި އެއާޕޯޓަށް ރޭގަނޑު ދަތުރުތައް އަންގާރަ ދުވަހު ފަށާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.

ކުޅުދުއްފުށީ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ތައްޔާރުވުމުގެ ގޮތުން ޓެސްޓް ފްލައިޓް ޖައްސާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.
މޯލްޑިވިއަންގެ މި ދަތުރުތައް ހަފްތާގެ ހުރިހާ ދުވަހަކުވެސް އޮންނާނެކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފައެވެ. މޯލްޑިިވިއަނުން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ކުޅުދުއްފުށްޓަށް ދަތުރު ފަށާނީ އިރޮއޮއްސި 18:50 ގައިކަމަށެވެ. އަދި ކުޅުދުއްފުށިން މާލެއަންނަން ފުރާނީ ރޭގަނޑު 20:15 ގައިކަމަށް މޯލްޑިވިއަނުން ބުންޏެވެ.
ކުޅުދުއްފުށީ އެއަރޕޯޓުގެ އިތުރުން، ރީޖަނަލް އެއަރޕޯޓްސް ކުންފުނިން ހިންގާ އެހެން އެއަރޕޯޓްތަކަށްވެސް ރޭގަނޑުގެ ޝެޑިއުލް ދަތުރުތައް ފެށުމަށް އެކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ރީޖަނަލް އެއަރޕޯޓްސްއިން ހިންގަމުން އަންނަ 6 އެއަރޕޯޓްގެ ތެރެއިން ހަތަރު އެއަރޕޯޓަށް މިހާރު ރޭގަނޑު ދަތުރުތައް ކުރެއެވެ. އެއީ ގދ.ފަރެސްމާތޮޑާއާއި ފުވައްމުލައް ސިޓީ، އަދި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓެވެ.
އޭގެއިތުރުން ހއ. ހޯރަފުށި އަދި ގދ.މާވަރުލު އެއަރޕޯޓްގައި ވެސް ރޭގަނޑު ދަތުރުކުރެވޭ ގޮތަށް، ނައިޓް ލޭންޑިން ސިސްޓަމް ޤައިމްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ބުންޏެވެ.