
ކުޅުދުއްފުށީ އެއާޕޯޓަށް ރޭގަނޑު ދަތުރުތަށް މިމަހު 30 ގައި ފަށަނީ
Maldivian-at-Kulhudhuffushi-Airport
ހދ. ކުޅުދުއްފުށީ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް މިމަހުގެ 30 ވަނަ ދުވަހު ފެށުމަށް މޯލްޑިވިއަން އިން ތައްޔާރުވެއްޖެ އެވެ.

މޯލްޑިވިއަންއިން މިއަދު ވަނީ ކުޅުދުއްފުށީ އެއާޕޯޓަށް ކުރަމުން އަންނަ ދަތުރުތަކަށް އިތުރު ފްލައިޓެއް އިތުރުކޮށްފަައިވާކަން ހާމަކޮށްފައެވެ. އެގޮތުން އިތުރު ކުރި ފްލައިޓު އޮންނާނީ މާލެއިން ކުޅުދުއްފުއްޓަށް އިރުއޮއްސި 18:50 ގައި މާލެއިން ފުރާ ގޮތަށެވެ. އަދި ކުޅުދުއްފުށިން މާލެ އޮންނަ ފްލައިޓް ރޭގަނޑު 20:15 އިން ކުޅުދުއްފުށިން ފުރާ ގޮތަށެވެ. މި ދަތުރުތަށް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.
މާލެއިން ކުޅުދުއްފުއްޓަށް ކުރާ ދަތުރުތަކުގެ އަގަކަށް މޯލްޑިވިއަންއިން ނަގަމުން އަންނަނީ 1464 ރުފިޔާއެވެ. އަލަށް ފަށާ ދަތުރުތަކުގެ އަގަކީވެސް އެއީ އެވެ.
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހިންގަމުން އަންނަ ހދ. ކުޅުދުއްފުށީ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް އެ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސީ މި މަހުގެ 12 ވަނަ ދުވަހުގެ ރެ އެވެ.
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ބުނީ ރޭގަނޑު ދަތުރުތައް ފެށުމާއެކު ކުޅުދުއްފުށި އެއާޕޯޓުން ދެވޭ ހިދުމަތްތައް 24 ގަޑިއިރަށް ބަދަލުވެގެންދާނެ ކަމަށެވެ. މިއީ ކުޅުދުއްފުށި އެއާޕޯޓުން ދެވޭ ހިދުމަތްތައް އިތުރު ހަރުފަތަކަށް ގެނައުމަށް ކުރެވޭ ވަރަށް ބޮޑު މަސައްކަތެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.
މިކަމުގެ ސަބަބުން ކުޅުދުއްފުއްޓާއި ކައިރީ ތިބި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބި ރޭގަނޑު ވައިގެ މަގުން ދަތުރު ކުރުމަށް މަގުފަހިވާނެ ކަމަށް ވެސް އެ ކުންފުނިން ހާމަކުރެ އެވެ.




